ޚަބަރު

ޤާނޫނީ ލިޔުންތަކުގެ ޞައްހަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއްގައި 2 ވަކީލެއްގެ ލައިސެންސް ހިފަހައްޓައިފި


  • ލައިސަންސް ހިފަހައްޓާފައިވަނީ ޒުންނަވާރު ސަލީމާއި މެހެނާޒް ޙުސައިން

އަލްއުސްތާޛު ޒުންނަވާރު ސަލީމާއި އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ވަކީލުކަމުގެ ލައިސެންސް ހިފަހައްޓައިފާވާކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލުން ވިދާޅުވީ ޒުންނަވާރު ސަލީމާއި މެހެނާޒް ޙުސައިންގެ ވަކީލުކަމުގެ ލައިސެންސް ހިފެހެއްޓީ އެ 2 ވަކީލުންނާ ގުޅޭގޮތުން ހުށައަޅާފައިވާ ސުލޫކީ ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެ ޝަކުވާއަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤަވާއިދާ 2 ވަކީލުން ޚިލާފުވުމެވެ. ޕަބްލިކް ނޯޓަރީކަމަކީ ދައުލަތުން ދޫކުރާ ލައިސެންސަކާއެކު ޤާނޫނީ ލިޔުންތަކުގެ ޞައްހަކަން ކަށަވަރުކުރުމެވެ.

ބާ ކައުންސިލުން ވިދާޅުވީ ވަކީލު ޒުންނަވާރު ސަލީމަކީ ޕަބްލިކް ނޯޓަރީކަމުގެ ޚިދުމަތް ދިނުމުގެ ލައިސެންސް ލިބިފައިނުވާ ވަކީލެއް ކަމަށެވެ. ނަމަވެސް އެ ލައިސެންސް ލިބިފައިވާ މެހެނާޒް ޙުސައިންގެ ސޮއި ބޭނުންކޮށްގެން ޒުންނަވާރު ސަލީމް އެއްބަސްވުމެއް ނޯޓަރައިޒް ކޮށްފައިވާކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ. އަދި އެއީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤަވާއިދާ ޚިލާފު ޢަމަލެއްކަމުން އެ 2 ވަކީލުންގެވެސް ވަކީލުކަމުގެ ލައިސަންސް ހިފަހައްޓާފައިވާކަމަށް ބާ ކައުންސިލުން ވިފާޅުވިއެވެ.

ޒުންނަވާރު ސަލީމްގެ ލައިސެންސް ހިފަހައްޓާފައިވަނީ 15 މަސް ދުވަހަށެވެ. އަދި މެހެނާޒް ޙުސައިންގެ ލައިސެންސް ހިފަހައްޓާފައިވަނީ 12 މަސް ދުވަހަށެވެ.

ޤާނޫނީ ވަކީލުން ކަމުގައިވާ ޒުންނަވާރު ސަލީމާއި އޭނާގެ އަންހެނުން މެހެނާޒް ހުސައިން، ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ޤާނޫނާއި ޤަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްކޮށް ޤާނޫނީ ޚިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.