އިތިއޯޕިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަޙްމަދު ޢަލީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އިތިއޯޕިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރަައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ރައީސާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް، ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވިދާޅުވީ އިތިއޯޕިއާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއްކަމަށެވެ. ހަމައެއާއެކު ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އިތިއޯޕިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.