ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަހަމުން ދިޔަ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ޙަމަލާދީ ތިން މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް އެއްވި ޢާންމުންނަށް އަމާޒުކޮށެވެ. ޖީއެޗްއެފް އުފައްދާފައި ވަނީ އެމެރިކާއާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ ހުރިހާ އިންތިޒާމުތަކެއް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމުގެ ބޭނުމުގައެވެ.
ޣައްޒާގެ އޮފިޝަލުން ބުނީ، އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙްގައި އެހީ ބެހުމަށް ޖީއެޗްއެފުން ޤާއިމު ކުރި މަރުކަޒު ކައިރިއަށް އެއްވި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ޙަމަލާތަކުގައި 46 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި، އިތުރު ހަތް މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައެވެ.
އެމެރިކާގައި ޤާއިމު ކޮށްފައިވާ ޖަމުޢިއްޔާއެއް ކަމުގައިވާ ޖީއެޗްއެފުން ވަނީ، ރަފަޙްގައި އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ބުނެފައެވެ. އަދި، އެ ސަރަޙައްދަށް އިންޒާރުގެ ޙަމަލާތަކެއް ދިން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށް ބުނެ، ޔަހޫދީ ފައުޖުން ވެސް ވަނީ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ބަޔާނެއް ނެރެފައެވެ.
ރަފަޙްގައި ޖީއެޗްއެފުން ހިންގަމުން ދިޔަ އެހީދޭ މަރުކަޒު ކައިރިއަށް އެއްވި ޢާންމުންނަށް ޙަމަލާދީ ތިން މީހަކު ޝަހީދު ކޮށްލުމާ ގުޅިގެން އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެމެރިކާއާއި ޔަހޫދީން ދަނީ ޖީއެޗްއެފް ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރަފަޙަށް ދީފައިވާ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ޙަމަލާތަކުގެ މަންޒަރު ފެންނަ ވީޑިޔޯތަކުން ފެންނަނީ "ހިތް ފަޅައިގެން ދާ ފަދަ" ހިތާމަވެރި މަންޒަރުތަކެއް ކަމުގައެވެ. "[އދގެ] މެންބަރު ޤައުމުތަކާ ގުޅިގެން އަޅުގަނޑުމެންގެ [އދގެ] ބެލުމުގެ ދަށުން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީ ބެހުމަށް ވަރަށް ބޮޑަށް އިންތިޒާމު ކުރެވިގެން ހަރުދަނާ ނިޒާމެއް އޮންނާނީ ޤާއިމު ކޮށްފައި،" ދުޖަރީކް ވިދާޅުވިއެވެ.
"އިންސާނީ އެހީ ބެހުމުގެ ކަންކަން ކުރަން ޖެހޭނީ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން، މިނިވަން ކަމާއި ހަމަހަމަކަމާ އެކު، އަޅުގަނޑުމެން އަބަދު ވެސް އެ ކަން ކުރަނީ އެ ސިޔާސަތުތަކުގެ ދަށުން. [ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަނު]ން އެހީ ބެހުމަށް ރާވާފައިވާ ރޭވުން އަޅުގަނޑުމެން ދުށިން، އެއީ އެއްވެސް ހަރުދަނާ އުސޫލެއްގެ ދަށުން ރާވާފައިވާ ރޭވުމެއް ނޫން އަދި އަޅުގަނޑުމެން އަމަލުކުރާ ސިޔާސަތުތަކަށް ފެތޭ ރޭވުމެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
ޣައްްޒާގެ މީޑިޔާ އޮފީހުން ވެސް ވަނީ ޖީއެޗްއެފުން އެހީ ބެހުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. "އިސްތިޢުމާރީ ސިފައިން ދިޔައީ ހުރިހާ ސަރަޙައްދެއްގައި ހަރަކާތްތެރިވަމުން، އަދި އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ހައިހޫނުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އެއް ތަނަކަށް ޖަމާކޮށް، ޔަހޫދީ ފައުޖުން ވަނީ ޙަމަލާ ދީފައި. ރަފަޙްގައި މިއަދު ހިންގާފައި އެ ވަނީ ޤަތުލުޢާންމެއް، އަދި ހަނގުރާމައިގެ ކުށެއް،" ޣައްޒާގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ކަންކަން ޔަހޫދީ ފައުޖަށް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވޭ ކަމަށް ޤަބޫލު ނުކުރާ ކަމުގައި ވެސް އޮފީހުން ބުންޏެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ ޖީއެޗްއެފްގެ ދިފާޢުގައި ތެދުވެފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޖީއެޗްއެފްގެ މަރުކަޒު ކައިރީގައި ކަންބޮޑުވާން ޖެހޭ ފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމުގައެވެ. "[ޣައްޒާގެ ރައްޔިތުންނަށް] އެހީ ފޯރުކޮށްދިނުމާ ޙަމާސް ޖަމާޢަތުން ދެކޮޅު. އެހީ ބެހުމުގެ ކަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައި ވަނީ އެ ޖަމާޢަތުން، ނަމަވެސް އަޅުގަނޑުމެން ވާނީ އެ ކަން ފޭލު ކޮށްލާފައި،" އެ ވުޒާރާގެ ތަރުޖަމާނު ޓެމީ ބްރަޔިސް ވިދާޅުވިއެވެ.