ސަޕޯޓަރުން ނެތި ފުޓުބޯޅަ ކުޅޭކަމަށްވާނަމަ ދަނޑު ބޭރުންނާއި އެތެރެއިންވެސް ފެނިގެންދާނީ ވަރަށް މޯޓިވޭޝަން ދަށްކޮށް ކަމަށް ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ސުޒެއިން މިހެން ބުނީ މިމަހު މާލޭގައި ސޮކަރ ވެޓްރަންސްއިން ބޭއްވި ފުޓުބޯޅަ ފިއެސްޓަރ އަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.
އެމުބާރާތުގައި ސަޕޯޓަރުންގެ ފޯރި ވަރަށް ބޮޑަށް ފެނިގެންދިޔައިރު ރާއްޖޭގައި އިހުގައި އެންމެ ސަޕޯޓް އޮތް ކުޅިވަރަކީ ފުޓުބޯޅައެވެ. ގަލޮޅު ދަނޑު ފުރާލި ގައުމީ ޓީމުގެ މެޗުތަކާއި ލީގު މެޗުތަކުގައި އޮތް ސަޕޯޓަރުންގެ ފޯރި އަލުން ގެނެވޭނެތޯ ސުވާލުކުރުން ސުޒެއިން ބުނީ ސަޕޯޓަރުންނާއެކު މެޗުތައް ކުޅޭނަމަ ކުޅުންތެރިންނަށް އިތުރު ހިތްވަރަކާއި ޖޯށެއް އަންނަ ކަމަށެވެ. އަދި ކުޅުންތެރިންގެ ރޫހާއި އެހެނިހެން ހުރިހާ ކަމެއްވެސް ތަފާތުވާނެ ކަމަށެވެ.
"ގަބޫލުކުރަނީ ދެން ފުޓުބޯޅައަކީ އަމުދުން ސަޕޯޓަރުން ނެތި ކުޅޭކަމަށްވަންޏާ ބޭރުން ބަލާއިރުވެސް އަދި އެތެރޭގައި ކުޅެން ތިބޭ ކުޅުންތެރިންގެވެސް މޮޓިވޭޝަން ދަށްކޮށް އޮންނާނީ. ސަޕޯޓަރުން ވަދެގެން ކުޅުނު މެޗުތަކުގައި ހަމަ ފެންނާނެ ރާއްޖޭގައިވެސް ރާއްޖޭން ބޭރުގައިވެސް ސަޕޯޓު އޮވެގެން ކުޅެލިއިރު ގައުމީ ޓީމު އެ ކުޅެލި ރޫހާއި އެ ހުރިހާ ކަމެއް ވަރަށް ބޮޑުތަނުން ތަފާތުވާނެ" ކަމަށް ސުޒެއިން ބުންޏެވެ.
ސަޕޯޓަރުންގެ ފޯރިއާއެކު ސޮކާރ ވެޓްރަންސްއިން ބާއްވާ މުބާރާތްތަކަށް އިޝާރާތް ކުރަމުން ސުޒެއިން ބުނީ ސޮކަރ ވެޓްރަންސްއިން އެ ކުރަނީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ސީދާކޮންނާއި ނުސީދާކޮށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ފުޓުބޯޅައިގެ ފޯރި ގެނައުމާއި ގަލޮޅު ދަނޑަށް ކުޅިބަލާ މީހުން ވެއްދުމަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެންގޮސް ރާއްޖޭގައި އަލުން ފުޓުބޯޅައިގެ ރޫހު ދިރުވުމަކީވެސް ސަރުކާރުގެ ބޮޑު އަމާޒެކެވެ. ފުޓުބޯޅައަށް އަލުން ދިރުން ގެނައުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ވުޒާރާއިން އަންނަނީ ކުލަބުތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކުން އަންނަނީ މަޑުމަޑުން ފުޓުބޯޅަ ކޮޅަށް ޖެހުމަށް މުބާރާތްތައް ރާވާ ހިންގޭނެ މަގަށް ކަންކަން ފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެފްއޭއެމުން ލީގު ކަޕް 2025 ގައި ކުޅުނު މެޗުތަކަށްބަލާއިރު ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ގަލޮޅު ދަނޑުން ފެނުންކަން ފާހަގަކުރެވެއެވެ. އަދި ރަށްރަށުގެ ޓީމުތައް ބައިވެރިކޮށްގެން މިދިޔަ އަހަރުގެ ފަހުކޮޅު ކުރިޔަށް ގެންދިޔަ 90 ޕްލަސް ގޯލްޑް ކަޕްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ގަލޮޅު ދަނޑުން ފެނުނެވެ.