ޚަބަރު

އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 15 ޖޫން 2006ގައި

އަޒަރްބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވްއަށާއި ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ އަޒަރުބައިޖާންގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައްޔިތުނަށްވެސް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ މިދުވަހު ހަނދާން އައު ކުރަންވީ އަޒަރްބައިޖާންގެ ރައްޔިތުންގެ ނުގުޑާ ޢަޒުމާއި އެއްބައިވަންތަކަންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައިވަނީ ދެޤައުމުގެ ގުޅުން ހަރުދަނާކުރުމުގައި ރާއްޖެއިން އަބަދުވެސް ދެގޮތެއް ނުވެ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަޒަރުބައިޖާން މިނިވަންވެފައިވަނީ 28 މެއި 1918 ވަނަ އަހަރުއެވެ. ރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 15 ޖޫން 2006 ވަނަ އަހަރުގައެވެ.