ޚަބަރު

ނޭޕާލްގެ ބޮޑުވަޒީރަށާއި ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • ރައީސްގެ މެސެޖުގައިވަނީ އެޤައުމަށް ހަމަޖެހުމަށް އެދިވަޑައިގަންނަވާފައި

  • ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1 އޯގަސްޓް 1980 ގައި

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ރާމްޗަންދްރާ ޕައުޑެލްއަށާއި ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭޕާލްގައި މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހަކީ، އެކި ނަސްލުތަކާއެކުވެސް އެޤައުމުގެ ރައްޔިތުން ދައްކާފައިވާ ނަމޫނާއާއި އެއްބައިވަންތަކަން ފާހަގަކުރާ ދުވަސްކަމަށެވެ. އެހެންކަމުން މިދުވަހުގެ ތަހުނިޔާ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނުވަނީ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ނޭޕާލުގައި ހަމަޖެހުން ޤާއިމުވެ އޮތުމަށާއި ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ރާއްޖެއާއި ނޭޕާލާއި ދެމެދު އޮންނަ ގާތްގުޅުން ބަދަހިވެ ދެޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާތައްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ނޭޕާލާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ، 1 އޯގަސްޓް 1980 ގައެވެ. ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން މިވީ 45 އަހަރު ތެރޭގައި ނޭޕާލުންވަނީ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ވަކިން ޚާއްސަކޮށް ސިއްޙީ ދާއިރާއިން ޑޮކްޓަރުން ތަމްރީނުކުރުމަށާއި ސްޕެޝަލައިޒްވުމުގެ ފުރުސަތުތަކެއް މިމުއްދަތުގެ ތެރޭގައި ފަހިވެފައިވާކަން ފާހަގަކޮށްލެވެއެވެ.