ކުޅިވަރު

އިނގިރޭސި ކީޕަރު އާޕްސް ގައުމީ ޖާޒީ ބާލައިފި


އިނގިރޭސި އަންހެން ގޯލްކީޕަރު މެރީ އާޕްސް، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން މިހާރު 32 އަހަރުގެ ކީޕަރު ކުޅުން ހުއްޓާލީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށަން މަހަކަށްވެފައިވަނިކޮށެވެ.
ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމު ދެ ފަހަރު ހޯދާފައިވާ އާޕްސް ކުޅުން ހުއްޓާލުމަށް ފަހު ބުނީ މިއީ ގައުމީ ޖާޒީ ބާލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި މިއީ ޒުވާން ކުޅުންތެރިން ކުރިއަރައިދާން ފުރުސަތު ދޭންވީ ވަގުތު ކަމަށް އޭނާ ދެކޭ ކަމަށެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ އެންމެ ފަހުގެ ވޯލްޑްކަޕުގެ ވެސް މޮޅު ކީޕަރުކަން ހޯދި އާޕްސް ކުޅުން ހުއްޓާލުމުން ގިނަ ކުޅުންތެރިންނަށް ލިބުނ ހައިރާން ކަމެއް ކަމަށެވެ. އަދި ކުޅުންތެރިން ތިބީ ޔޫރޯގައި އިނގިރޭސިންގެ ގޯލު އޭނާ ބަލަހައްޓާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ނަމަވެސް މިދިޔަ ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ފްރާންސްގެ ޕެރިސް ސެންޓް ޖަމައިންގެ އަށް ބަދަލުވި ކީޕަރު ގައުމީ ޖާޒީ ބާލަން ގަސްތުކުރާކަން އޭނާގެ ކޯޗަށް މީގެ ދޮޅު އަހަރު ކުރިން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މި ނިންމުމާމެދު އަލުން ވިސްނުމަށް ކޯޗު ވަނީ އާޕްސްގެ ގާތުން އެދިފަ އެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. ގައުމީ ޓީމަށް ކުޅުމަކީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ޝަރަފު އަދި އެންމެ ބޮޑު އުފާ. އަހަރެން ދެކެ ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ކޮންމެވެސް ދުވަހަކުން ކުރަންޖެހޭ ކަމެއް. މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު،" އާޕްސް ބުންޏެވެ.

2023 ވަނަ އަހަރު ބީބީސީގެ އަހަރުގެ ޝަހުސިއްޔަތުގެ މަގާމު ލިބުނު ކީޕަރު ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ގޯލުގައި ހުރެ އިނގިރޭސިންނަށް ކާމިޔާބުކޮށްދިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއު ކުރަން ފުރުސަތު އޮއްވައި ކުޅުން ހުއްޓާލުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމަށެވެ.

އާޕްސް ކުޅުން ހުއްޓާލާނެ ކަމަށް ބަލައި އިނގިރޭސި ޓީމުން ވަނީ ހަތަރު ކީޕަރަކު ޓީމުގައި މި އަހަރު ގަވާއިދުން ގެންގުޅެން ފަށައިފަ އެވެ. އަދި ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި ކުޅުވީ ވެސް މީގެ ތެރެއިން ދެ ކީޕަރަކު ލައްވަ އެވެ.

މިހެންވެ އާޕްސް ބުނީ އޭނާ ނެތުމުގެ އުނިކަން އިހުސާސްކުރަން ނުޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. އާޕްސް ގައުމީ ކެރިއަރު ފެށީ 2008 ވަނަ އަހަރު އިނގިރޭސި 17 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން 19 އަހަރުން ދަށާއި 21 އަހަރުން ދަށަށް ވެސް ކުޅުމަށްފަހު އޭނާ ސީނިއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލީ ގައުމީ ޓީމަށް 53 މެޗު ކުޅެދިނުމަށްފަހު އެވެ.