ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ފައިނަލް މެޗަށް ނުކުންނަން ޖެހޭނީ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރޭ ބުނީ އިދިކޮޅުން ނުކުންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ވޭތުވެދިޔަ ފަސް އަހަރުގެ އެންމެ ކާމިޔާބު ޓީމު ކަމަށެވެ. މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑު އޮތީވެސް މާޒިޔާގައިކަމަށް އޭނާވަނީ ބުނެފައެވެ.
"މާޒިޔާއިން ގާތްގަނޑަކަށް ވޭތުވެދިޔަ ފަސްއަހަރު ރާއްޖޭގެ ފުޓުބޯޅަ ލީޑުކުރަމުން މިއަންނަނީ. ވަރުގަދަ ސްކޮޑަކާއެކު، އަބަދުވެސް މާޒިޔާއަށް އަޅުގަނޑު ހިތުގަ އޮންނާނެ ޚާއްސަ މަގާމެއް. އަޅުގަނޑު ކުޅެފަވެސްވާނެ މާޒިޔާއަށް" ފަރޭ ބުންޏެވެ.
މާޒިޔާއިން ކޮންމެ މުބާރާތަކަށްވެސް ވަރަށް ވަރުގަދައަށް ތައްޔާރުވާކަން ފަރޭ ފާހަގަކުރިއެވެ. އެހެންކަމުން އޮޑި ސްޕޯޓްސްއިން މާޒިޔާ ބަލިކުރަން ނުކުންނަންޖެހޭނީ ހަނގުރާމައަކަށް ތައްޔާރުވެގެން ކަމަށް ފަރޭވަނީ ބުނެފައެވެ.
މި ދެ ޓީމު ލީގު ބުރުގައި ބައްދަލުކުރި މެޗުގެ ނަތީޖާއަކީ މުބާރާތުގައި ކުރިއަށްދާން ލިބުނު ހިތްވަރެއްކަމަށް ފަރޭ ބުންޏެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސްއަށް މާޒިޔާއާ ވާދަކޮށް ޕޮއިންޓެއް ލިބުމަކީ އެޓީމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައިވެސް ފަރޭވަނީ ސިފަކޮށްފައެވެ.
"މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަހަލަ ޓީމައާ ވާދަކޮށް ޕޮއިންޓެއް ލިބުމަކީވެސް އަޅުގަނޑުމެންނަށް މި ޑިވިޝަނަށް އައިސްފަ ލިބުނު ވަރަށް ބޮޑު ހިތްވަރެއް" ފަރޭ ބުންޏެވެ.
މާޒިޔާއާ ބައްދަލުކުރި މެޗުން ގިނަ ކަންތައްތަކެއް ދަސްވިކަން ފަރޭގެ ވާހަކައިގައި ފާހަގަކުރިއެވެ. ލީގު ބުރުގައި މާޒިޔާއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ކުރިއަށް އޮތް ފައިނަލް މެޗުގެ ނަތީޖާ އެހެންނުވެދާނެކަމަށް ފަރޭ ބުންޏެވެ. އެހެންކަމުން އޮޑި ސްޕޯޓްސްއިން ޗެމްޕިއަންކަން ބޭނުންނަމަ ވަރަށް ގަދައަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
"މާޒިޔާއަކީ ފައިނަލަށް ވަރަށް ފަރިތަބައެއް. ވަރަށް ގިނަ ފައިނަލުތައް ކުޅެފަ ހުރީ އެމީހުން. އަޅުގަނޑުމެން މުޅިން އަލަށް. ސެމީފައިނަލަށްވެސް މިއައީ އަލަށް. ފައިނަލަކަށްވެސް މިދިޔައީ އަލަށް. ވަރަށް ގިނަ ކަންކަން އަޅުގަނދުމެންނަށް އައުވާނެ. އަޅުގަނޑުމެންގެ ތެރޭގަވެސް އެބަތިބި އެކްސްޕީރިއަންސް ޕްލެޔަރުން. އެހެންވީމަ ދުލެއް ނުދޭނަން. ފަސޭހައެއްނުވާނެ. މާޒިޔާ ކޯޗު ފާހަގަކުރިހެން 50/50 ޗާންސެއް މިއޮތީ ދެޓީމަށްވެސް" ކުރިއަށް އޮތް ފައިނަލް މެޗާ ގުޅޭގޮތުން ފަރޭ ބުންޏެވެ.
ކުރިއަށް އޮތް ފައިނަލް މެޗާ ގުޅޭގޮތުން އޮޑި ސްޕޯޓްސްގެ ވައިސް ކެޕްޓަން ހުސެއިން ނިހާން (ނިހާޓް) ވެސް ބުނެފައިވަނީ މާޒިޔާއަކީ ތަފާތު މޮޅު ޓީމެއް ކަމަށާއި، އެހެންނަމަވެސް މެޗަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. މާޒިޔާއަކީ އެންމެ ވަރުގަދަ ސްކޮޑުކަން އެނގިހުރެ، އޮޑި ސްޕޯޓްސްއިން ނުކުންނާނީ އެޓީމުގެ ތަޖުރިބާގެ އަލީގައި ތަށި ހޯދުމަށްކަމަށެވެ.
މިގޮތުން އޮޑީގެ ކެޕްޓަން މުޙައްމަދު ރަޝީދު (ހޮކޭ) ގެ ފަރާތުން މިމުބާރާތުގައި ތަފާތު ކުޅުމެއް މިހާތަނަށް ފެނިފައިވާކަމަށް ނިހާޓް ބުންޏެވެ. އަނިޔާއާއެކުވެސް ހޮކޭ އަންނަނީ މޮޅުކުޅުމެއް ދައްކަމުން ކަމަށާއި، މާޒިޔާއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު ހޮކޭއަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށް ނިހާޓް ފާހަގަކުރިއެވެ.
"އޮޑި ސްޕޯޓްސް ކުލަބުގެ ހޮކޭ ހުރެގެން، މާޒިޔާއާ އެއްކޮށް މިލިބޭ ފައިނަލުގަ ކުޅެން ލިބުމަކީ އަހަރުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ވެދާނެ މާޒިޔާއަށް ވަރަށް އުނދަގޫކަމަކަށް، ނޫނީ މާޒިޔާއިން ހާއްސަ ސަމާލުކަމެއް ހޮކޭއަށް ދޭނެކަމަށްވެސްވެދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ހޮކޭއާއެކު މެޗު ނަގަން" ނިހާޓު ބުނެފަވެއެވެ.
މި މުބާރާތުގެ ފައިނަލަށް އޮޑި ސްޕޯޓްސް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. ލީގު ކަޕުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރޭ 9:00 ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.