ޚަބަރު

އިޔާދަކުރަނިވި ހަކަތައިން ހިންގާ، ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ރައީސް ހުށަހަޅުއްވައިފި


  • މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި

  • ބޯހިޔާވަހިކަމުގެ ސިނާއަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި

އިޔާދަކުރަނިވި ހަކަތައިން ހިންގާ، ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ.

މިޚިޔާލު ސަފީރަށް އެރުއްވީ އެމަނިކުފާނުގެ އަރިހަށް ސަފީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރ ސޫ ކޮކް ލެންގ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ ސިނާޢަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެެ.

މީގެއިތުރުން އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު އެމަނިކުފާނު ހުށަހެޅުއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.