ޚަބަރު

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ %50 ދަތުރުކުރާނީ ޤައުމީ އެއަރލައިނުން: ވަޒީރު ޑރ.ޝަހީމް


  • ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު

  • ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ފުރީ މޯލްޑިވިއަން ބޯޓެއްގައި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރުން / ފޮޓޯ: ސޯޝަލް މީޑިޔާ

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ޤައުމީ އެއަރލައިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއަހަރު ޙައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ޤައުމީ އެއަރލައިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ގިނަ އަހަރުތަކަކަށްފަހު ޙައްޖުވެރިން މޯލްޑިވިއަންގެ ބޯޓެއްގައި ދަތުރުކުރީ މިއަދުއެވެ. އެ ބޯޓުން 255 ޙައްޖުވެރިއަކު ދަތުރުކުރިއެވެ.

އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ދަތުރުކުރަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބޭރުގެ ބައެއް އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމަށް މިއަހަރު ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ބަހުން އެއަރޕޯޓަށްދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފައިވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.