ބޭނުންވަނީ ވަކި ސިސްޓަމަކަށް ކުޅުމުގެ ބަދަލުގައި ބަދަލުކުރެވޭނެ ގޮތަކަށް ޓީމު ބިނާކޮށް، ސަޕޯޓަރުން ބޭނުންވާ ކަހަލަ ކުޅުމެއް ދައްކަން ކަމަށް ރެއާލް މެޑްރިޑުގެ އައު ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ.
ރެއާލްގެ ކޯޗު ކަމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ މިއީ ހަޔާތުގައި އެންމެ ފަހަރަކު ލިބޭނެ ފުރުސަތެއް ކަމަށާއި މިއީ ހަނދާނުން ފޮހެލެވޭނެ ވަރުގެ ދުވަހެއް ނޫންކަމަށެވެ. އަދި މިއީ އެނބުރި އަމިއްލަ ގެއަށް އާދެވުން ކަމަށާއި ބޭނުންވަނީ ރެއާލް އާއެކު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަން ކަމަށްވެސް އަލޮންސޯ ބުންޏެވެ.
ރަސްމީކޮށް މީޑިއާއަށް ރެއާލްގެ އާ ކޯޗު ދައްކާލަން ބޭއްވި ހަފްލާގައި ރެއާލްގެ ޖޯޒީ ހަވާލުކޮށް ކޮންޓްރެކްޓްގައި އަލޮންސޯ އާއެކު ސޮއިކޮށްފައިވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއެވެ.
އަލޮންސޯ އަކީ ރެއާލް މެޑްރިޑަށް 158 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީފައިވާ މިޑްފީލްޑަރެކެވެ. އޭނާ ރެއާލް އަށް ކުޅުނީ 2009 އިން 2014 ވަނަ އަހަރަށެވެ. އޭގެ ކުރިން ރެއާލް ސޮސިއެޑާޑް އާއި ލިވަޕޫލް އަދި ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު ކުޅުންތެރިޔާ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުންނެވެ. އޭގެ ފަހުން އޭނާ ވިދާލީ ޖަރުމަނުގެ ބަޔާ ލެވަކޫސެން އަށް މިދިޔަ ދެ ސީޒަނުގައި ކޯޗުކޮށްދީގެންނެވެ.
މިގޮތުން އޮލޮންސޯ ވަނީ ލެވަކޫސަންއަށް އެކްލަބްގެވެސް ތާރީހުގައި ދުއް އެންމެ ކާމިޔާބު ސީޒަނަށް މިދިޔަ ސީޒަން ހަދާދީފައެވެ. ޖަރުމަން ލީގު ލެވަކޫސަންއަށް އޮލޮންސޯ ހޯދައިދިނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ޖަރުމަން ކަޕްވެސް ލެވަކޫސަންއަށް ހޯދައިދިންއިރު މިދިޔަ ސީޒަންގައި ލެވަކޫސަން ބަލިވީ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުން އެކަންޏެވެ.
އަލޮންސޯ އަށް ރެއާލްގެ ކޯޗުކަން ދިނީ ނިމުނު ސީޒަނުގައި ތައްޓެއް ނުލިބުމުންނެވެ. އަލޮންސޯގެ ކުރިން ކޯޗުކަމުގައި ހުރީ ރެއާލްގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީ އެވެ.
ރެއާލްގެ ކޯޗުގެ ގޮތުގައި އަލޮންސޯގެ ފުރަތަމަ މުބާރާތަކަށް ވާނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑް ކަޕެވެ.