ޚަބަރު

ތިމާވެށީގެ ދިރުންތަކަށް ސަމާލުކަންދީ ވެށި ހިމާޔަތްކުރަން އެންމެން މަސައްކަތް ކުރަންޖެހޭ: އީޕީއޭ


  • ތިމާވެއްޓަކީ ރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެއް

  • ތަރައްޤީގެ މަޝްރޫއުތައް ހިނގުމުގައި ވެށީގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރުން މުހިންމު

ތިމާވެށީގެ ދިރުންތަކަށް ސަމާލުކަންދީ ވެށި ހިމާޔަތްކުރަން އެންމެން މަސައްކަތްކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ބޮޑުބަޔަކީ ކަނޑުގެ ސަރަޙައްދެވެ. އެގޮތުން ދޫނިސޫފާ ސޫފިތަކާއި މަސްމަހާމެށި އަދި ކަނޑާއި ފަރު ފަދަ ތަންތަނަކީ ވެށީގެ މުހިންމު ތަންތަންކަމަށްވާއިރު، އެތަންތަން ރައްކާތެރި ކުރުމކި ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ނުހަނު މުހިއްމު ވެފައިވާ ކަމެކެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ އެންވަޔަރަންމަންޓް ރިސާރޗް އެންޑް ކޮންޒަވޭޝަން ޔުނިޓްގެ ޑިރެކްޓަރ ޔޫސުފް ރިޟްވާން ވިދާޅުވީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ސަރަހައްދަށް ދަނީ ވަރަށް ބޮޑަށް ގެއްލުންވަމުންކަމަށެވެ. އެގޮތުން ގައު ހުދުވުމާއި ރަށްގިރުމުގެ މައްސަލަ ދަނީ އިތުރުވަމުންކަމަށް އެނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ ރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެއްކަމަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަން ބަރޯސާވެފައި އޮންނަނީ ތިމާވެށީގެ މައްޗައްކަމަށް ވީއިރު ތިމާވެއްޓައް ލިބޭ ގެއްލުމުގެ ސަބަބުން އިގްތިސޯދަށް އަސަރުކުރާކަމަށް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިން ރާއްޖޭ އަންނަނީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ ރީތިކަން ބަލާލާލުމަށެވެ.

ރާއްޖޭއަކީ ހަލުއިކަމާއެކު ތަރައްޤީވަމުން އަންނަ ގައުމަކަށްވުމުން ތަރައްޤީގެ ބޭނުމަށް ގިނަ ސަރަޙައްދުތައް ދަނީ ހިއްކަމުންނެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އެއް އަހަރުން އަނެއް އަހަރަށް ކުރި އަރަމުންދާއިރު މި ސިނާއަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ސިިނާއަތްތަކަކަށް ވާން ޖެހޭކަމަށް ވިދާޅުވިއެވެ.

ތިމާވެއްޓާއި ރައްޓެހި ނޫންގޮތަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ހުރުމުގެ ސަބަބުން ވެއްޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަނޑުމަތީ ދޫނިތައް މަދުވުމުމާއި މުރަކަތަކަށް ގެއްލުންވުމާއި ފަރުތައް ހަލާކުވުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ވެށީގައި އުޅޭ ދޫނި ސޫފާސޫފި ހާއްސަކޮށް ކަނޑުމަތީ އުޅޭ ދޫނި އަންނަނީ އެއް އަހަރުން އަނެއް އަހަރަށް މަދުވަމުން . އެއީ އެ ތަކެތި ދިރިއުޅޭ ރައްތައް ރިސޯޓް ހަދަން ނެގުމާއި ފިނޮޅުތަކަށް މީހުން ދިޔުމާއި އެތަންތައް ހިއްކުން ފަދަ ކަންކަން ކުރުމުން . މީ ވަރަށް ވިސްނަން ޖެހޭ ކަމެއް. ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތްކޮށް ދަމަހައްޓައި ފޯރުކޮށްދޭން ޖެހޭނަމަ އެބަޖެހޭ ކަނޑުގެ މާހައުލާއި ރައްތަކާއި ކަނޑުތަކާއި ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ ދިރޭ ތަކެތި ރައްކާތެރި ކުރަން" ޔޫސުފް ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެންމެން ގުޅިގެންކަމަށެވެ. އެގޮތުން ފިނޮޅުތަކަށް ދަތުރު ދިޔުމުގައި އެތަނުގައި ދިރިއުޅޭ ދިރޭތަކެއްޗައް ގެއްލުން ނުދިނުމާއި ތަރައްޤީގެ މަޝްރޫއުތައް ހިނގުމުގައި ވެށީގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.