ކުޅިވަރު

އަލޮންސޯއަށް ތަށި ހޯދުނީ ކުލަބުގައި ރަނގަޅު ފައުންޑޭޝަނެއް އޮތުމުން: ޓެން ހާގް


ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ކޯޗު ޒަބީ އަލޮންސޯއަށް ބަޔާ ލެވަކޫސަންގައި ތަށިތަކެއް ހޯދުނީ އެ ކުލަބުގެ ފައުންޑޭޝަން ރަނގަޅުވުމުން ކަމަށް އެ ޓީމާ އަލަށް ހަވާލުވި އެރިކް ޓެން ހާގް ބުނެފިއެވެ.

ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޓީމާ ހަވާލުވި ކޯޗު ބުނީ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްގައި މަސައްކަތް ކޮށްފައި ހުރުމުން އޭނާ އަށް ޖަރުމަނުގެ ފުޓްބޯޅަ ދަސް ކުރަން ނުޖެހޭނެ ކަމަށެވެ.

"އަހަރެންނަށް ޖަރުމަނުގެ ފުޓްބޯޅަ އެނގޭ. އަދި ކުލެވަކޫސެން ވެސް އެނގޭ. މި ކުލަބަކީ ވަރަށް ރަނގަޅު ފައުންޑޭޝަނެއްގެ މަތީގައި އޮތް ކުލަބެއް. ވަރަށް ރަނގަޅަށް ބިނާކޮށްފައިވާ ކުލަބެއް. މިހެންވީމަ ކޯޗަކަށް ވަރަށް ފަސޭހަވާނެ މި ޓީމުގައި ކާމިޔާބު ހޯދަން. އަލޮންސޯ ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދީފައި،" ޓެން ހާގް ބުންޏެވެ.

އުމުރުން 55 އަހަރުގެ ކޯޗު އެންމެ ފަހުން ކޯޗުކޮށްދިނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެ ކުލަބުގެ ކޯޗުކަމުން އޭނާ ވަކިކުރީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޓެން ހާގް ބުނީ އެއަށްފަހު އެކި ޓީމުތަކުން އޭނާ އަށް ހުށަހެޅުންތައް ލިބުނު ކަމަށެވެ. ނަމަވެސް ވިސްނައިގެން ހުރީ މި ސީޒަން ނިމުމުން ނޫނީ އެއްވެސް ޓީމަކާ ހަވާލުނުވާން ކަމަށެވެ.

ނެދަލަންޑްސްގެ އަޔެކްސްގައިވެސް ރަނގަޅު މަސައްކަތްތަކެއް ކުރި ޓެން ހާގަށް ކޯޗުކަން ދިނުމުގެ ކުރިން ލެވަކޫސަންއިން އެހެން ބައެއް ކޯޗުންނާ ވެސް މަޝްވަރާ ކުރިއެވެ. އޭގެ ތެރޭގައި އިޓަލީގައި ކޯޗުކޮށްދެމުން އަންނަ ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު ސެސް ފެބްރިގާސްވެސް ހިމެނެ އެވެ.

ޓެން ހާގުގެ ކޯޗިން ކެރިއަރުގެ އެންމެ އުސްއަލި އަތަކީ ނެދަލަންޑްސްގެ އަޔަކްސްއަށް ޑަޗް ލީގު ތިން ފަހަރު ހޯދައިދިނުމެވެ. އޭގެ ފަހުން ޔުނައިޓެޑަށް އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕުވެސް ހޯދައިދިނެވެ.

އަލޮންސޯ ލެވަކޫސަން ދޫކޮށްލަނީ އެ ޓީމަށް ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި އަހަރު އެ ޓީމުން ލީގު ނިންމާލަނީ ދެ ވަނައިގައެވެ. މިހެންވެ އަންނަ ސީޒަނުގައި ޓެން ހާގަށް ނަތީޖާ ރަނގަޅު ކުރަން މަޖުބޫރުވާނެއެވެ.