ކުޅިވަރު

އިނގިރޭސި ލީގުގެ ތަރިންނަކީ ސަލާހު އާއި ރާޔާ


ހުސްވި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާހު ހޮވައިފިއެވެ.

އޭނާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު އެންމެ ގިނަ ގޯލު ޖަހައިގެން މި ސީޒަނުގެ ރަން ބޫޓުވެސް ހޯދީ ސަލާހެވެ.

ލިވަޕޫލުގައި ކުރިއަށް ދެ އަހަރު މަޑުކުރަން ނިންމާފައިވާ ފޯވަޑް ވަނީ މި ސީޒަން ނިމުނުއިރު 29 ގޯލު ޖަހާފަ އެވެ. މިއީ އޭނާ މި ބޫޓު ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި އޭނާ އަށް ވަނީ މި ސީޒަނުގައި ގޯލު ޖަހަން އެންމެ ބޮޑަށް އެހީތެރިވި ކުޅުންތެރިޔާގެ އެވޯޑް ވެސް ދީފަ އެވެ. އެއީ 18 ގޯލެއް ޖަހަން މަގުފަހިކޮށްދީގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ ނިއުކާސަލްގެ ޖެކޮބް މާފީ އެވެ.

ޕްރެމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނ ދެ ކީޕަރުންނަށެވެ. އެއީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އާއި ނޮޓިންހަމް ފޮރެސްޓްގް ކީޕަރު ސެލް އަށެވެ. މި ދެ ކީޕަރުން ވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ 13 މެޗު ފުރިހަމަކޮށްފަ އެވެ. މި އަދަދާ އެންމެ ގާތްކުރި ކީޕަރުންނަކީ އެވަޓަންގެ ޖޯޑަން ޕިކްފޯޑެވެ. އޭނާ ވަނީ 12 މެޗުގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ފުރިހަމަކޮށްފަ އެވެ.

ޗެމްޕިއަންކަން ހޯދި ލިވަޕޫލްގެ ދެ ކީޕަރަކު މި ލިސްޓުގައި ވާދަކުރި އެވެ. އެއީ އެއްވަނަ ކީޕަރު އަލިސަން ބެކާ އާއި ބަދަލު ކީޕަރު ކޮއިމްހެން ކެލޭހާ އެވެ. އަލިސަން ނުވަ މެޗެއްގައި ބައިކޮޅަށް ގޯލެއް ނުވައްދައި ފުރިހަމަކުރިއިރު އޭނާ އިންޖަރީގައި ހުރިއިރު ގޯލު ބެލެހެއްޓި ކެލޭހާ ވަނީ ހަތަރު މެޗެއްގައި އެކަން ފުރިހަމަކޮށްދީފަ އެވެ.