ޚަބަރު

އުއްތަމަ ފަނޑިޔާރަކީ ނަޒާހަތްތެރި ބޭފުޅެއް، ފަތުރަނީ ދޮގުވާހަކަތަކެއް: ރައީސް ނަޝީދު


  • ރާއްޖޭގެ ނޫހަކުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށް ވިދާޅުވި

  • އުއްތަމަ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެދޭކަމަށް ވިދާޅުވި

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާ މުޢާމަލާތްކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ރައީސް ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން ނެެރުއްވި ބަޔާނެއްގައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުޢުތަސިމް އަދުނާނާ މުއާމަލާތް ކޮށްފައިވާ ކަމަށް މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަގީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ. އަދި އެ ޚަބަރުގައި ހުރި ހުރިހާ ވާހަކައަކީވެސް "އަލިފުން ޔާޔަށް ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އުފުއްލަވާނެ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް ނެތް ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީވެސް އެސަބަބާހުރެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ނޫހަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރ ރައުފާ ހައިދަރު ނިންމަވައި، އެ ވާހަކަ އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން، އެމަނިކުފާނު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށެވެ. އެއާއެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއްގައިވާ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދުވަނީ މިބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.