ޚަބަރު

ބްރެޒިލް އަކީ އެއްވަނަ، އަމާޒަކީ ހަވަނަ ފަހަރަށް ތަށި ހޯދުން: އެންޗެލޮޓީ


ބްރެޒިލް އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި، އަމާޒަކީ ހަވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި އަލުން އަނބުރާ އެއްވަނަ މަގާމަށް އައުން ކަމަށް އެ ޓީމުގެ ކޯޗު ކަމާ އަލަށް ހަވާލުވި އިޓަލީގެ ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އުމުރުން 65 އަހަރުގެ އެންޗެލޮޓީ ވަނީ އިއްޔެ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވެފައެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް އެންޗެލޮޓީ ދައްކާލާފައިވާއިރު އޭނާއަށް ބްރެޒިލްގެ ޖާޒީ ދީފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ދާދި ދަހުން އިންތިހާބުކުރި ސާމިރު ޒައުދު އެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން އެންޗެލޮއްޓީ ބުނެފައިވަނީ އޭނާގެ ކުރިމަތީގައި ބުރަ އަދި ބޮޑު މަސައްކަތެއް އެބައޮތް ކަމަށެވެ.

"އަހަރެންގެ ކުރިމަތީގައި ބޮޑު އަދި ބުރަ މަސައްކަތެއް އެބައޮތް. އެއީ ބްރެޒިލް އަލުން ދުނިޔޭގެ އެއްވަނަ ޓީމަށް ހެދުން. މިއީ އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ކަމެއް ދެވިފައިވާ ޓީމެއް. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ ލިބޭ ފަހުރެއް." އެންޗެލޮޓީ ބުންޏެވެ.

ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އަށް ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ބްރެޒިލް އަށް ކުރިން ކޯޗު ކޮށްދިން ޑޮރިވާލް ޖޫނިއާ އެ މަގާމުން ވަކި ކޮށްފައިވަނީ މިދިޔަ މާޗު މަހު އާޖެންޓީނާ އަތުން 4-1 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށްފަހުގަ އެވެ.

އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު އިކުއެޑޯއާ ދެކޮޅަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.

ސައުތު އެމެރިކާގެ ކޮލިފައިންގައި ގަދަ ހަ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ކޮލިފައިންގައި ބާކީ ހަތަރު މެޗު އޮތްއިރު ބްރެޒިލް އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވި މެޗަށްފަހު ބްރެޒިލް އަށް އެދެވޭ ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އޭގެ ފަހުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ކޯޗު ކަމާއި ހަވާލުވިތާ ގިނައިރުތަކެއް ނުވަނީސް އެންޗެލޮޓީ ވަނީ ކުރިއަށް އޮތް ދެ މެޗަށް ތައްޔާރުވުމަށްޓަކައި 25 ކުޅުންތެރިންގެ ސްކޮޑެއް ނަގާފަ އެވެ. އަދި އޭގެ ތެރެއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗަށްފަހު ޓީމުން ފުރުސަތު ލިބިފައިނުވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކަސެމީރޯ އާއި ޓޮޓްނަމް ހޮޓްސްޕަރގެ ރިޗަލިސަން އަށް އެންޗެލޮއްޓީ ވަނީ ފުރުސަތު ދީފައެވެ.