ޚަބަރު

ލީގުގެ ފަހު މެޗުން އަލް ނަސްރު ބަލިވެއްޖެ


މި ސީޒަނުގެ ސައުދީ ޕްރޯ ލީގުގެ ފަހު މެޗުގައި ރޭ އަލް ފާތިހުއާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން އަލް ނަސްރު ބަލިވެއްޖެއެވެ.

މި މެޗުން އަލް ނަސްރު ބަލިވި ނަމަވެސް އެ ޓީމަށް ލިބިފައިވާ 70 ޕޮއިންޓާއެކު އަލް ނަސްރު އޮތީ ތާވަލުގެ ތިންވަނަ މަގާމުގަ އެވެ. އަދި އެއާއިއެކު އެ ޓީމަށް ވަނީ ކުރިއަށް އޮތް ސީޒަނުގައި އޭއެފްސީ ޗެމއަޕިންސް ލީގު 2 އިން ފުރުސަތު ލިބިފަ އެވެ.

ސައުދީ ލީގުގެ އެއްވަނަ އަދި ދެވަނަ އަށް ޗެމްޕިއަންސް ލީގުގެ އެލީޓް އިން ފުރުސަތު ލިބޭއިރު ތިންވަނައަށް ޖެހޭނީ ދެވަނަ ލީގުގައި ވާދަ ކުރުމަށެވެ.

އަލް ފާތިހް ކްލަބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އަލް ފާތިހުގެ މަތިއަސް ވަރްގާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ދެ ޓީމަށްވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެއާއިއެކު އަލް ފާތިހުގެ ކުޅުން އިތުރަށް ރަގަޅުވެގެން ދިޔަތަން ވަނީ ފެނިފަ އެވެ.

އަލް ނަސްރު އިން މެޗުގެ 75 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ދެވަނަ ފަހަރަށްވަނީ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސަޑިއޯ މާނޭ އެވެ.

ނަމަވެސް އޭގެ ހަ މިނިޓު ފަހުން އަލް ފާތިހުގެ މުރާދު ބަޓްނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ. މި މެޗުން އަލް ފާތިހު މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެތިއަސް މަޗާޑޯ އެވެ.