ޚަބަރު

އުފެއްދުންތެރިކަމުގެ މަޢުރަޒުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ފަންނުވެރިން ފެނޭ: މަސީ


  • ބޭރު ދުނިޔޭގައި މިއުފެއްދުން ދެއްކުން މުހިންމު ކަމަށް މަސީން ބުނޭ

  • ދިވެހިންގެ އިހުގެ އީޖާދީ އުފެއްދުންތެރިކަން ފެނޭ

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ދިވެހިންގެ ހުނަރުވެރިކަން ބޭނުންވާ އެތައް ދާއިރާއެއް ހުރި ކަމަށާއި، އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އެހުނަރު ފެނިގެންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯރ ކޮންސްޓަރަކްޝަން އިންޑަސްޓްރީސް، މަސީން ބުނެފިއެވެ.

މަސީން މިހެން ބުނެފައިވަނީ އެ ޖަމްޢިއްޔާގެ މެމްބަރުން އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށި ދިވެހިން އުފެއްދުންތެރިކަމުގެ މައުރަޒަކީ އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއަރުވައި ހުނަރުވެރިކަން ދައްކާލުމަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މައުރަޒެވެ. މިމައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލެއްވުމަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން، އިމާރާތްކުރުމުގެ ސިނާޢަތް ތަމްސީލުކުރާ ޤައުމީ ޖަމްޢިއްޔާ މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން މިފަދަ ބޮޑު މައުރަޒެއް ކުރިއަށް ގެންދިއުމުން އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އަދުނާން ވިދާޅުވީ މައުރަޒުގެ ތެރެއިން އިހުގެ ދިވެހީންގެ ހުރި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން މިއަދުވެސް ފެންނަމުންދާ ކަމަށެވެ. އަދި މިހުނަރުވެރިކަން ބޭރު ޤައުމުތަކަށް ގެންދިއުމަށް ފަތުރުވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މޭޑްއިން މޯލްޑިވްސް ޖަހާފައި ހުންނަންވާނީ އަޅުގަނޑުމެންގެ ތަކެތި. އެއަށް މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެން ހުރިހާ ސުވެނިއާ ފިހާރަތަކުގައި ހުންނާނީ މިތަކެތި. އޭރަށް ބޭރަށް ގަނެގެން ގެންދެވޭނީ އަޅުގަނޑުމެންގެ ތަކެތި. އެހެންވީމަ އަޅުގަނޑުމެންނަށް އެލިބެނީ ދިވެހިން އުޅޭ ފިހާރަތަކުގައި ދިވެހިން އުޅޭ ތަންތަނުގައި އަޅުގަނޑުމެންގެ ތަކެތި. އަދި ނުވަތަ އެހެން ގޮތްގޮތުންވެސް އުފެއްދުމުގެ ނުވަތަ ކުރިއެރުވުމުގެ ފުރުސަތު ތަނަވެސް ވެގެންދާނެ" އަދުނާން ވިދާޅުވިއެވެ.

މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި އެމްއެމްޕީއާރްސީގެ ކުރީގެ ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާހް ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭނެ މާހައުލެއް މީގެކުރިން ނެތަސް، މިމައުރަޒުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ދިވެހިންނަކީ ކްރިއޭޓިވް އަދި އިނޯވޭޓިވް ބައެއްކަން މިހާރު އެބަފެނޭ. މި ދައްކާނެ ރަނގަޅު މާހައުލެއް ނެތަސް، އަދި މިފެންވަރުގައި މިީގެ ކުރިން އެކްސްޕޯއެއް ނުބޭވުނަސް ހުނަރުވެރިކަން ހުރިކަން އެބަފެނޭ. މިތަރުހީބު މި ލިބެނީ، އެހެންވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އެފަދަ މާހައުލެއް ބިނާވެ މުޅި ދުނިޔެއަށްވެސް މިކަން ގެންގޮސް ދެވޭނެ ކަމަށް." ނޫރްއައިން ޖަނާހު ވިދާޅުވިއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު 3600 އަށް ވުރެ ގިނަ އުފެއްދުންތައް މައުރަޒުގައި ބައިރިވެރިކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއެވެ.