ޚަބަރު

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވައިފި


  • މިީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު

  • މިބައްދަލުވުންތަކަކީ ރައީސްގެ އިންޑިއާ ދަތުރުފުޅަށްފަހު އެކުލަވާލެވުނު ތަސައްވުރާއިގުޅޭ ބައްދަލުވުންތަކެއް

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި މިއަދު ބާއްވައިފިއެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ މިބައްދަލުވުންތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، 'އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް'ގެ ތަޞައްވަރުގެ ކަންކަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ބާއްވަމުންގެންދަވާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

މީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ޞިއްޙީ، ދިފާޢީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިންމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައިވެސް ނިންމަވާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ހައިލެވަލް ކޯ ގުރޫޕްގެ މިފަހަރުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއްވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނެއެވެ.