މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 15.14 ހާއިރު ސަޢުދީ އެއަރލައިނުންނެވެ. މިފްލައިޓްން 235 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ހެނދުނު 10:30 ގައެވެ. ބަހުން އެއަރޕޯޓަށްދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
މިއަދު ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.