މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ އަޚުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޖޭގައި މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރެވުމަކީ ތާރީޚީ ކަމެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މި ޚިދުމަތާއެކު ޙައްޖުގެ އަޅުކަމަށް ސައުދީއަށް ކުރާ ދަތުރުތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސައުދީއަރަބިއްޔާއިން މައްކާ ރޫޓް އިނީޝިއޭޓިވްފައި ރާއްޖެ ހިމެނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ އިސްލާމް ދީނާއި އިސްލާމީ އުންމަތަށް ޚިދުމަތް ކުރުމުގައި ސައުދިއަރަބިއްޔާއިން ކުރައްވާ މަސައްކަތް ފެނިގެންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ފައްޓަވައި އެ އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީތީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލްސުއުދާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްޢަޒީޒް އަލްސައުދުއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.
ރައީސް ވަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، މިއަހަރު ފުރަތަމަ ފަހަރަށް ޙައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ގާއިމުކޮށްފައިވާ ކަމަށާއި މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ސައުދިއަރަބިއްޔާގައި ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބީއެމްއެލުން ޙައްޖުވެރިންނަށް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1750 ޑޮލަރަށް ބޮޑުކޮށްދެއްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.