ކުޅިވަރު

ލިވަޕޫލްއިން ޕްރިމިއަރ ލީގުގެ ތަށި ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް


ލިވަޕޫލްއިން އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ހުޅުމާލޭގައި މެޗު ބެލުމާއެކު ހަވާއެރުވުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކުލަބު މޯލްޑިވްސް (އޯއެލްއެސްސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ރޭ ބޭއްވި ހަރަކާތުގައި ލިވަޕޫލްގެ ރާއްޖޭގެ އެއް ނަންބަރު ސަޕޯޓަރު، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ހަރަކާތުގައި މާލެ ސިޓީ މޭޔަރ އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި ލިވަޕޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއިރު، ލިވަޕޫލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުމަށްފަހު ލިވަޕޫލަށް މި ސީޒަންގެ ޕްރިމިއަރ ލީގުގެ ތަށި ހަވާލުކުރި ވަގުތާ ދިމާކޮށް ވަނީ ހަވާއަރުވާފައެވެ. އަދި ބޮޑުބެރުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކުލަބު އޮފް މޯލްޑިވްސް އަކީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބު ކަމުގައިވާ ލިވަޕޫލް ފުޓްބޯޅަ ކުލަބުގައި 2018 ވަނަ އަހަރު ރަސްމީކޮށް ރަޖިސްޓަރީވެގެން ހިންގަމުން އަންނަ ދިވެހި ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް ހިންގަމުން އަންނަ ސަޕޯޓާސް ކުލަބު ކަމަށްވާ އޯއެލްއެސްސީއިން ވަނީ ސަޕޯޓަރުންގެ މެދުގައި މެޗުބެލުމުގެ ހަރަކާތްތަކާއި، އެކިއެކި މުބާރާތްތައްވެސް ގިނަ އަދަދަކަށް ބާއްވާފައެވެ.

އޯއެލްއެސްސީއިން މިހާތަނަށް ހިންގާފައިވާ ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި ލިވަޕޫލްގެ ލެޖެންޑް ޑެނިއަލް އެގާ ރާއްޖެ ގެނެސް "މީޓް އެންޑް ގްރީޓް އެގާ" ގެ ނަމުގައި ހިންގި ހަރަކާތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އޯއެލްއެސްސީއިން ވަނީ އިޖުތިމާޢީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީއަށް ފައިސާގެ އެހީވެސްވެދީފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކުރުމަށް ބޭއްވި "ފްރީޑަމް ޗެރިޓީ" އިވެންޓަކީވެސް ވަރަށް ކާމިޔާބުކަމާއެކު އެ ޖަމުއިއްޔާއިން ހިންގާފައިވާ ހަރަކާތެކެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ކާމިޔާބު ކުލަބު ލިވަޕޫލްއާއެކު ދިވެހިރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިންވެސް ވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ގޮތުގައި ރާއްޖެ ވަނީ ކަނޑައަޅާފައެވެ.