ޚަބަރު

އެއްވެސް ސުވާލެއް ނެތި ކޮރަޕްޝަން ހުއްޓުމަކަށް ގެންނަން ބޭނުން: ރައީސް


  • އެޗްޑީސީގެ އައު ވެބްސައިޓަކީ ގުޑް ގަވަރނަންސް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް

  • އެންމެން އެކުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ

ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެޗްޑީސީން ހުޅުމާލެ ތަރައްގީގެ މާސްޓަރ ޕްލޭނަށް ގެންނެވި ބަދަލާއި އެ ކުންފުނީގެ އައު ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެޗްޑީސީގެ އައު ވެބްސައިޓަކީ ގުޑް ގަވަރނަންސް ނުވަތަ ހެޔޮވެރިކަމެއްގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް ކަމަށެވެ. އެމަނިކުފާނު ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވާ ކަމަށާއި އެ ބަދަލުތައް ގެންނަންވަނީ ދެފުށްފެންނަ ގޮތަށް، ކޮރަޕްޝަން ނައްތާލެވިފައިވާ މާހައުލެއް ގާއިމުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ފައިދާ މިހާރު އެޗްޑީސީން ފެންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަަށް ހިންގާ ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް ކަމަށެވެ. އެންމެން އެކުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި އެމަނިކުފާނަށް އެނގިވަޑައިގެން ފުރުސަތެއް ނުދެއްވައި އެއްވެސް ސުވާލެއް ނެތި އެފަދަކަންކަން ހުއްޓުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިސް މިތިބެނީ ޓައި އަޅައިގެން މަސައްކަތް ކުރަން ރައްޔިތުން ހަވާލުކޮށްގެން. ރައްޔިތުންނަށް މިކަންތައްތައް މިކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމަ. އެކަމަކު އެހޯދާ މުސާރައަކީ އާމްދަނީއަކީ ވާންޖެހޭ ހެޔޮގޮތުގައި ހޯދާ އެއްޗަކަށް. އޭގެއިން ބޭރުން ކަންތައްތައް ލިބިގަންނަ ފުރުސަތަކަށް އެ ވެގެންނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީވެސް ވެރިކަމުގެ ނިޒާމު ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވިގެން ކަމަށެވެ. އެކަމުގައި ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.