ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީއަކަށް ކުރީގެ ރައީސް ޑރ. ވަޙީދު ޢައްޔަނުކުރައްވައިފި


  • އެމަނިކުފާނު އައްޔަން ކުރެއްވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް

  • މަގާމު އަދާކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ. އެމަނިކުފާނު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންއާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑރ. ވަހީދަކީ ޤާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ، ރައީސް ޑރ. ވަހީދު އިރުޝާދުދެއްވިއެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެމަނިކުފާނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށްވެސް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަޙީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް އެމަނިކުފާނު ފުރުއްވައިފައެވެ.

ރައީސް ޑރ. ވަހީދަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ރައީސް ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.