މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރީން އެއަރޕޯޓަށް ދިއުމުގެ ދަތުރުތައް ފަށައިފިއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ހެނދުނު 10:30 ގައެވެ.
ބަހުން އެއަރޕޯޓަށްދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޙައްޖުވެރިންގެ ފުރަތަަމަ ގުރޫޕް ފުރާނީ މިއަދު ހަވީރު 15:25 ގައެވެ. މި ފްލައިޓުން 234 ޙައްޖުވެރިއަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.