ޚަބަރު

އެވަޓަން އަތުން ބަލިވި ނަމަވެސް ނިއުކާސަލް ޗެމްޕިއަންސް ލީގަށް


އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު މެޗުގައި ރޭ އެވަޓަން އަތުން 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިވި ނަމަވެސް، އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިބިއްޖެއެވެ.

މި މެޗުން ބަލިވި ނަމަވެސް ނިއުކާސަލް ޔުނައިޓެޑަށް ވަނީ ލީގުގައި ކުޅުނު 38 މެޗުން 66 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ހަ ވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު ނިއުކާސަލް އަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ.

ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމުން އުފެއްދި ގިނަ ހަމަލަތަކެއް އެވަޓަންގެ ގޯލުކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި އެވަޓަންގެ ކާލޯސް އަލްކަރޭޒް ބޮލުން ޖަހާ ނިއުކާސަލްގެ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑް އިން ހޯދާފައިވާއިރު އެ ޓީމުން ވަނީ ފާއިތުވެދިޔަ 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޑޮމެސްޓިކް މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. މި އަހަރުގެ ކަރަބާއޯ ކަޕް ނިއުކާސަލް އިން ކާމިޔާބުކޮށްފައިވަނީ ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކުރުމަށްފަހުގަ އެވެ.

މި ސީޒަނުގެ މެދުތެރޭގައި ރެލިގޭޝަނުގެ ބިރު ހީވެފައިއޮތް އެވަޓަން އިން ވަނީ އޭރު އެ ޓީމުގެ ކޯޗު މަގާމުން ވަކިކުރުމަށްފަހު ޑޭވިޑް މޯޔެސް އާއި ޓީމު ހަވާލުކޮށްފަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ލީގުގެ ފަހުކޮޅު ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެވަޓަން އިން ވަނީ 48 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ ހޯދާފަ އެވެ.