ކުޅިވަރު

ލިވަޕޫލްއިން ދިން ލޯތްބާއި ތައުރީފު އަބަދުވެސް ހަނދާން ހުންނާނެ: އާނޯލްޑް


ލިވަޕޫލްއިން އޭނާއަށް ދިން ލޯތްބާއި ތައުރީފު އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ވައިސް ކެޕްޓަން ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ބުނެފިއެވެ.

ލިވަޕޫލް ޖާޒީގައި ކުޅުނު ފަހު މެޗަށް ފަހު ވާހަކަ ދައްކަމުން އާނޯލްޑް ބުނީ އެންމެ އުފާވީ އެންމެ ފަހު މެޗުގައި ސަޕޯޓަރުން އޭނާއަށް އިން މެހުމާންދާރީގެ ސަބަބުން ކަމަށެވެ.

"އަހަރެން އަބަދުވެސް ހަނދާން ހުންނާނެ މި ދުވަސް. އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން ލިވަޕޫލުން މިދަނީ އުފަލާއި ހިތްހަމަ ޖެހުމާއެކު. އަހަރެންނަކީ އަބަދުވެސް ލިވަޕޫލްގެ މީހެއް. ސަޕޯޓަރުން އަހަރެންނަށް ތިޔަ ދިން ލޯބި ދުވަހަކު ވެސް ހަނދާން ނުނެތޭނެ،" އާނޯލްޑް ބުންޏެވެ.

މި ސީޒަނަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމުމުން މީހެ ދެތިން ހަފުތާ ކުރިން ލިވަޕޫލް ސަޕޯޓަރުން އޭނާއަށް މަލާމާތް ކުރަން ފެށި އެވެ. މިކަމާ ދެކޮޅަށް ކުރީގެ ކޯޗު ޔާގެން ކްލޮޕާއި ލިވަޕޫލްގެ ބައެއް ކުޅުންތެރިން ނުކުތެވެ. މިހެންވެ އާނޮލްޑްގެ މަހު މެޗުގައި ރެ ކްރިސްޓަލް ޕްލަސްއާ ދެކޮޅަށް ފަހު ހާފުގައި އޭނާ ކުޅެން ނުކުތުމުން ސަޕޯޓަރުން ވަނީ ހިފަހެއްޓުމެއްނެތި އޭނާ އަށް ތައުރީފްކޮށް، ޝުކުރު އަދާކޮށްފަ އެވެ.

އާނޯލްޑް ބުނީ އުމުރުން ހަ އަހަރުގައި ލިވަޕޫލްގެ އެކަޑަމީއާ ގުޅުނު ފަހުން މިވީ 20 އަހަރު ތެރޭގައި ކުލަބާމެދު އޭނާ ނުވިސްނާ އެންމެ ސިކުންތެއް ވެސް ނޯންނާނެ ކަމަށެވެ.

"ވަރަށް ދިގު 20 އަހަރު މިދިޔައީ. މި ދުވަސްތަކުގައި އެންމެ މިނިޓެއް ވެސް، އެންމެ ސިކުންތެއް ވެސް ނޯންނާނެ މި ކުލަބާމެދު އަހަރެން ނުވިސްނައި ދިޔަ. އަހަރެން ކޯޗު ގާތުގައި އެދުނިން އަދި އެއް ފަހަރު ލިވަޕޫލަށް ކުޅެން ފުރުސަތު ދިނުމަށް. މި މެޗުގައި އަހަރެން ކުޅެން ނުކުތުމުން ތިޔަ ދިނީ ވަރަށް އަގުބޮޑު ހަދިޔާއެއް. މިއީ އަހަރެންގެ ހަޔާތުގައި ވެސް އެންމެ އުފާވެރި ދުވަސް،" އާނޯލްޑް ބުންޏެވެ.

އޭނާ ވަނީ ލިވަޕޫލްގައި ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބުކުރި އެވެ.

އާނޯލްޑް މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ކުޅެން ނިންމީ ކެރިއަރުގައި އެހެން ތަޖުރިބާއެއްކޮށް، އާ ޗެލެންޖަކާ ކުރިމަތިލާން ވެގެންނެވެ.