އެސްޓަން ވިލާއަށް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނީ ރެފުރީގެ ސަބަބުން ކަމަށް ބުނެ އެ މައްސަލަ އިނގިރޭސި ޕްރިމިއަރ ލީގަށް ހުށަހަޅަން އެ ކުލަބުން ނިންމައިފިއެވެ.
ވިލާ އަށް ފުރުސަތު ގެއްލުނީ އިނގިރޭސި ލީގުގެ ފަހު މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0އިން ބަލިވުމުންނެވެ. މި މެޗުގައި އެ ޓީމުގެ ގޯލްކީޕަރު އެމެލިއާނޯ މާޓިނޭޒަށް ވަނީ ރަތްކާޑު ވެސް ދައްކައިފަ އެވެ.
ވިލާ އަށް 38 މެޗުން ލިބުނީ 66 ޕޮއިންޓެވެ. ނަމަވެސް މެޗުން މޮޅުވިނަމަ ނުވަތަ އެއްވަރުވި ނަމަ ލީގުގެ ފަސް ވަނަ އަށް ދިޔަ ނިއުކާސަލް އަސް ވުރެ ކުރި ލިބޭނެ އެވެ. ނިއުކާސަލް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އިނގިރޭސި ލީގުގެ ފަސް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ 66 ޕޮއިންޓާއެކުގަ އެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަންނުނަށް ލިބޭ ޖާގަ ޓޮޓެންހަމަށް ލިބުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ހަ ޓީމު ވާދަކުރާނެ އެވެ. އެއީ ޗެމްޕިއަން ލިވަޕޫލާއި ދެ ވަނަ ހޯދި އާސެނަލް އާއި ތިން ވަނަ ހޯދި މެންޗެސްޓާ ސިޓީ އާއި ހަތަރު ވަނަ އަށް ދިޔަ ޗެލްސީ އާއި ނިއުކާސަލް އަދި ޓޮޓެންހަމެވެ.
ވިލާއިން ބުނީ އެ ޓީމަށް ރޭގެ މެޗު ގެއްލުމުގެ މައިގަނޑު ސަބަބަކީ ރެފްރީ ތޯމަސް ބްރަމޯލްގެ ހެދި ގޯސްތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވަނީ ވިލާއިން ޖެހި ގޯލެއް ވެސް ގަބޫލުނުކޮށްފަ އެވެ. ވިލާއިން ބުނީ މިފަދަ މުހިންމު މެޗުތަކަށް ތަޖުރިބާ މަދު ރެފްރީން ނެރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މައްސަލަ ޖައްސަން ނިންމީ މިހެންވެ ކަމަށެވެ.
ޓޭބަލުގެ ހަ ވަނަ އަށް ދިއުމުން އެސްޓަން ވިލާ އަށް ފުރުސަތު ލިބޭނީ ޔޫރޮޕާ ލީގުންނެވެ.
އެ ޓީމުގެ ކޯޗު އުނާއީ އެމެރޭ ބުނީ ރެފްރީން ހަދާ ގޯސްތަކުގެ ސަބަބުން ޓީމުތަކުގެ ކުރިމަގަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިއަށްވުރެ ރަނގަޅު ފެންވަރުގެ ރެފްރީކަމެއް ބޭނުންވާ ކަމަށާއި އިނގިރޭސި ލީގުގައި އެފަދަ ރެފްރީން މަދުނަމަ މުހިންމު މެޗުތަކަށް ގައުމުން ބޭރުގެ ރެފްރީން ވެސް ހޯދިދާނެ ކަމަށެވެ.