ޚަބަރު

ދިވެހި ހައްޖާޖީން ފުރާ ވަގުތުތަކާއި ދިމާކޮށް އެއަރޕޯޓުގައި ޚާއްސަ އިންތިޒާމުތަކެއް


  • އެއަރޕޯޓުގައި މީހުންނަށް ތިބޭވޭނެ ގޮތަށް ގިނަ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި

  • ޕީކް ގަޑިތަކުގައި އާންމު ދަތުރުފަތުރު ނިޒާމު ބޭނުން ކުރުމަށް އެމްއޭސީއެލްއިން އިލްތިމާސް ކުރޭ

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުފަށާ ޙައްޖާޖީންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ވެސް މިވަނީ ތައްޔާރުވެފައެވެ. މިއަހަރު ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވް ތަޢާރަފް ކުރެވިފައިވާއިރު، މި އިނިޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ލިބޭ ހުރިހާ ޚިދުމަތެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ލިބޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްްސާފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ އަދަދެއްގެ ހައްޖާޖީން ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާއިރު އެމްއޭސީއެލްއިން ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ. މިގޮތުން ހައްޖުވެރިންނަށް ޚާއްސަ ޗެކިން އެރޭންޖްމަންޓާއި، ނަމާދު ކުރެވޭނެ އިންތިޒާމްތަކާއި، ބޯފެން ލިބޭނެ އިންތިޒާމްތައް ވަނީ އެއަރޕޯޓުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ހައްޖުވެރިން ފުރާދުވަސްތަކުގައި އެ ބޭފުޅުންނަށް ޚިދުމަތްދިނުމަށް އެމް.އޭ.ސީ.އެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ޙަރަކާތްތެރިވަމުންދާނެއެވެ.

މިއަހަރު ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. އެހެން ކަމުން ވެލާނާ އެއަޕޯޓުގައި ތިބެގެން ސައުދި އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން ހަމަޖެހިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. އެމްއޭސީއެލްގެ ޕެސެންޖަރ ސަރވިސްޑިޕާޓްމަންޓުގެ ޑެޕިއުޓީ ޗީފް އަލީ މުޝްތާޤް ވިދާޅުވީ އެއަޕޯޓަށް ދާ ފަރާތްތަކަށް ޚާއްސަކޮށް އެމްއޭސީއެލް މުވައްޒަފުން އެހީވުމަށް ތިބޭނެ ކަމަށެވެ.

" ޓާމިނަލް ބޭރުގައި އެތޭރޭގައި ތިއްބަވާ ބޭފުޅުންގެ ކަންކަން ވާނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ސްޓާފުން ހުރިހާކަމެއްގައި އެހީވާނެ. އަޅުގަނޑު ފާހަގަކޮށްލަން ރާއްޖެއިން ސައުދި އަރަބިއްޔާގެ އިމިގްރޭޝަން ހުރިހާ ކަމެއް ހަމެޖެހިގެންދާނެ. އެބޭފުޅުން ސައުދި އަރަބިއްޔާއަށް ފައިބައިވަޑައިގެން ވަގުތުން ހޮޓަލަށް ގެންދެވޭނެ. އޭރު އެބޭފުޅުން ލަގެޖް ހުންނާނީ ހޮޓަލަށް ގެންދެވިފަ " އެމްއޭސީއެލްގެ ޕެސެންޖަރ ސަރވިސްޑިޕާޓްމަންޓުގެ ޑެޕިއުޓީ ޗީފް އަލީ މުޝްތާޤް ވިދާޅުވިއެވެ.

މިއަހަރު ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސަޢޫދީ އެއަރލައިންސް އަދި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚާއްޞަ ފްލައިޓްތަކުންނެވެ.

ޙައްޖުވެރިން ފުރާ ދުވަސްތަކުގެ ތެރެއިން 26 އަދި 30ވަނަ ދުވަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓްގެ އެންމެ ޕީކް ގަޑިތަކުގައި ކަމުން މި ވަގުތު ތަކުގައި އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުން މިކަމަށް ސަމާލުވެލެއްވުމަށް އެމް.އޭ.ސީ.އެލްއިން އިލްތިމާސް ކުރެއެވެ. އެގޮތުން އެ ދެ ދުވަހުވެސް ހެނދުނު 10:00 އިން 11:30 އަށް މެދުނުކެނޑި ހިލޭ ފެރީގެ ޚިދުމަތް ލިބެމުންދާނެ ކަމަށްވެސް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތުދެއެވެ. މިކަމާއި ގުޅޭގޮތުން ވާޙަކަ ދައްކަވަމުން އެމްއޭސީއެލް އެސްޓޭޓް އެންޑް ސެކިއުރިޓީ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޗީފް އޮފިސަރ މުޙައްމަދު ޚުޝާމް ވިދާޅުވީ، މާދަމާ ހުރިހާ އިންތިޒާމެއްވެސް ހަމަޖެހިފައި ހުންނާނީ، އާންމު ދަތުރުފަތުރު ބޭނުން ކުރާ ގޮތަށް ކަމަށެވެ.

"އެއާޕޯޓު މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި. މި ތައްޔާރީތަކަކީ އެންމެންނަށްވެސް ފަސޭހަ ކުރަން ގެންނަ ބަދަލުތަކެއް. އަޅުގަނޑުމެންގެ ފެރީތައް ނަސަންދުރަ ކުރިމަތީގައި ހުންނާނެ ހަމަޖައްސާފައި. އަޅުގަނޑުމެން އެދެނީ ވީހާވެސް މަދުން ސައިކަލުގައި އައުން. ދެން އެންމެ ބޮޑު އެއް ބަދަލަކީ ޑޮމެސްޓި ޓާމިނަލާއި ހަމައަށްދާ ފަރާތްތަކުން މާދަމާ ފައިބަން ޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލް ހިސާބައްކަން. އެ ފަރާތްތަކަށް އެމްއޭސީއެލް މުވައްޒަފުން ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށް އެހީވެދޭނެ" ހުޝާމް ވިދާޅުވިއެވެ.

ޙައްޖުވެރިން ފުރާ ގަޑިތަކަކީ އަބަދުވެސް އެއަރޕޯޓަށް ބާރުބޮޑު ވަގުތުކޮޅަކަށް ވާތީ މި ވަގުތުތަކުގައި ދަތުރުކުރައްވާ އެހެން ފަސިންޖަރުންވެސް މަދުވެގެން 3 ގަޑިއިރު ކުރިން ވަޑައިގެން ޗެކިން ކުރުމަށް އެމް.އޭ.ސީ.އެލްއިން އިލްތިމާސް ކުރެއެވެ.