ޚަބަރު

"ޤައުމު ބިނާކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވާޖިބެއް"


ކުރިޔަށް އޮތީ ދިވެހިރާއްޖޭގެ އުފާވެރި މިނިވަންދުވަސް ކަމަށްވުމާއެކު، މިއަދުގެ ހުކުރު ޚުޠުބާގައި ބައްލަވާލައްވާފައިވަނީ މިނިވަންކަމާއި އެކަމުގެ ނިޢުމަތާއި ވަޠަންދެކެ ލޯބިވުމާއި ޤައުމު ބިނާކުރުމުގެ މައްޗަށެވެ.

ކީތިރަސޫލު ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ޙަދީޘްފުޅުތަކުގެ އަލީގައި އިމާމު ވިދާޅުވީ، ޤައުމު ބިނާކުރުމަށްޓަކައި މަސައްކަތްކުރުމަކީ، ކޮންމެ މިހެއްގެ މައްޗަށްވެސް އޮތް ވާޖިބެއްކަމަށެވެ. ވަޠަން ބިނާކުރުމުގެ މަސައްކަތަކީ ޤާބިލްކަމާއި ހުނަރާ ގުޅިފައިވާ ކަމެއްކަމަށެވެ.

އިމާމު ބަޔާންކުރެއްވި ގޮތުގައި، ޤައުމުގެ މުއްސަދިކަމާއި ޤައުމުގައި ޢާންމު ޚިދުމަތްދިނުމަށްޓަކައި ބިނާކުރެވިފައިވާ ތަންތަން ރައްކާތެރި ކުރުމަކީވެސް، ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކަމަށެވެ. ވަޠަން ބިނާކުރުމުގެ ތެރޭގައި ޞާލިޙް އިންސާނުން ބިނާކުރުމާއި ކޮންމެ މީހަކުވެސް ޤައުމަށް ފައިދާހުރި ކަމެއް ކުރުމާއި ތަޢުލީމް ޙާޞިލްކުރުމަށްފަހު އޭގެ ފައިދާ ޤައުމަށް ހޯދައިދިނުމާއި ޤައުމުގައި ރިވެތި އަޚްލާޤު ފެތުރުމާއި ބަދުއަޚްލަޤީ ޢަމަލުތަކުން ޤައުމު ތާހިރުކުރުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14598653400685.jpg|މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގެ ތެރެއިން / ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރިއަރައިފައިވާ ކޮންމެ ޤައުމެއް ކުރިއަރައިފައިވަނީ އެ ޤައުމުގެ ރައްޔިތުން، ޤައުމު ބިނާކުރުމަށް ދިން އިސްކަމުގެ ސަބަބުންނާއި އެޤައުމުގެ ކޮންމެ ފަރުދަކު އަތުކުރިއޮޅާލައިގެން ކުރި މަސައްކަތުންކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

"ޤައުމު ބިނާކުރެވެނީ ކޮންމެ ފަރުދަކު ޤައުމަށްޓަކައި ޤައުމަށްޓަކައި ކުރާ މަސައްކަތުގެ ސަބަބުން.. ކޮންމެ ފަރުދަކު ޤައުމުގެ މުއްސަނދިކަމާއި ތަނަވަސްކަން ރައްކާތެރިކުރި ވަރަކުން.. ހަމައެކަނި ޝުޢޫރުތަކާއި އަޑުގަދަކުރުންތަކުން ވަޠަން ބިނާއެއް ނުކުރެވޭނެ.. ހުސްއަނގަތެޅުމަކުން ޤައުމު ބިނާއެއް ނުކުރެވޭނެ.. ވަޠަން ބިނާކުރެވޭނީޤުރުބާނީތަކުން.. އެކުވެރިކަމާއި އެއްބާރުލުމުގެ ތެރެއިން.. ތިމާގެ މިނިވަންކަމުގެ ބޭނުންކުރާއިރު އަނެއްކުންގެ މިނިވަންކަން މަތިން ހަނދާން ބަހައްޓައިގެން." އިމާމް ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުގައި ޤައުމު ބިނާކުރާ އަދި ޤައުމަށްޓަކައި މަސައްކަތްކުރާ އަދި ޤައުމަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާ މީހުންނަކީ، އެމީހުންގެ ޛިކްރާ މީސްތަކުންގެ ހަނދާންތަކުގައި ދެމިހުންނާނެ ބައެކެވެ. އަދި އެމީހުންގެ ޛިކްރާ ޤައުމުގެ ފަތްފުށްތަކުގައި ބިންވަޅު ނެގޭނެ ކަމަށާއި، އެމީހުންގެ ޤައުމީ ޚިދުމަތުގެ ޛިކްރާ ﷲ ގެ ޙަޟުރަތުގައި ދެމިހުންނާނެކަމަށެވެ.

ޚުޠުބާ ކުރިޔަށް ގެންދަވަމުން އިމާމު ބަޔާންކުރައްވާފައިވާ ގޮތުގައި ޤައުމު ބިނާކުރުމުގައި ބައިވެރިވެ، ޙިއްޞާވުމަކީ، އަދި ޤައުމުގެ މުއްސަދިކަމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެވެސް މަސްއޫލިއްޔަތެކެވެ. އަދި ޤާބިލް ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެކެވެ.

މިނިވަންކަމާ ގުޅޭގޮތުން ހުކުރު ޚުޠުބާގައި ވިދާޅުވި ގޮތުގައި މިނިވަންކަމަކީ ހަމައެކަނި އިޙްސާސްތަކެއް ނޫނެވެ. އަދިހަމައެކަނި ޖަޒުބާތުތަކެއްވެސް ނޫނެވެ. މިނިވަންކަމާއި އަމާންކަން ލިބެނީ މުޖުތަމަޢުގެ ކޮންމެ ފަރުދަކު ހެޔޮ ރަނގަޅު މީހަކަށް ވެގެންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ ވަށައިގެންވާ މީހުންނަށް އަމާންކަމާއި ސަލާމަތްކަން ލިބިދޭން މީހަކަށް ވާންވާނެކަމަށެވެ. އަދި ކޮންމެ މީހަކުވެސް އޭނާގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދޭންވާނެކަމަށާއި، ކޮންމެ މީހަކުވެސް މުޖުތަމަޢު ބައިބައިވެދާނެ ފަދަ ކަންތައްތަކާއި ދުރުހެލިވާންވާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14628758869323.jpg|ރަސްފަންނުގައި ކުޑަކުދިންތަކެއް މަޖާކުރަނީ - ރަސްފަންނަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ހިންހަމަޖައްސާލަން ދާ ހިތްފަސޭހަ ތަނެއް-

ވަޠަންދެކެ ލޯބިވުމާއި އެކަމުގެ މުހިންމުކަމުގެ މައްޗަށްވެސް ޚުޠުބާގައި ބައްލަވާލެއްވާފައިވެއެވެ. އަދި މިކަމުގެ މިސާލު ކީރިތި ރަސޫލާގެ ހިޖުރައިން ފާހަގަކުރެވިފައިވާ މިންވަރު އިމާމް ބަޔާންކުރެއްވިއެވެ.

"މައްކާގެ މުޝްރިކުން އެކަލޭގެފާނު މައްކާއިން ނެރެލި ދުވަހު ވަޠަންދެކެ ލޯބިފުޅުވާ މިންވަރު ވަރަށް އަސަރުން ފުރިގެންވާ ޢިބާރާތުން ވަނީ ހާމަކުރައްވާފައި. އެކަލޭގެފާނު މައްކާއާ މުޚާޠަތުބުކުރައްވައި ވިދާޅުވެފައިވަނީ (ޙަދީޘްފުޅުގެ މާނަ) "ދިރިއުޅުމަށްޓަކައި ލިބިފައިވާ ރަށެއްގެ ގޮތުގައި ތިބާގެ ރަނގަޅުކަމުގެ ބޮޑުކަމާއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާގެ ލޮބުވެތިކަމުގެ ބޮޑުކަމާއެވެ. ތިމމަންކަލޭގެފާނުގެ ޤައުމުގެ މީހުން ތިޔަރަށުން ތިމަންކަލޭގެފާނު ބޭރުކޮށްނުލިނަމަ ތިމަންކަލޭގެފާނު ތިބާ ނޫން އެހެން ފަސްގަޑެއްގައި ވަޒަންވެރިވެވޑައިނނުގަންނަވާ ހުށީމެވެ." އިމާމް ވިދާޅުވިއެވެ.

 ތަނެއްގައި ދިރިއުޅޭ ކޮންމެ މީހަކު އެމީހަކު، އެ ދިރިއުޅޭ ތަންދެކެ ލޯބިވުމަކީ، ތަބީޢީ ކަމެއްކަމާއި އެއީ އިންސާނީ ފިޠުރަތުކަމަށް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.