ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމާއި ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ޙައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަަކަފުޅުގައި ވަނީ މައްކާ ރޫޓު އިނިޝިއޭޓިވްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ޙައްޖުވެރިންނާ ޙިއްސާ ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރިންނަށް އިޙްސާސް ވާނީ ޖިއްދާ އެއަރޕޯޓުންކަމަށާއި ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ސަޢުދީ ސަރުކާރުން އިސްތިޤުބާލު ކުރައްވާނެކަމަށެވެ. އަދި އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ޙައްޖުވެރިން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ދިވެހި ސަރުކާރާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެކަމަށާއި، ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަހަރު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި މައްކާ ރޫޓު އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވަނީވެސް މާދަމާއެވެ. މައްކާ ރޫޓު އިނިޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.