ކުޅިވަރު

ފްރާންސްގެ ކީޕަރު މިންޔޯން ގަތުމަށް ޔުނައިޓެޑް ތައްޔާރު


ފްރާންސްގެ ގައުމީ ޓީމުގެ ގޯލްކީޕަރު މައިކް މިންޔޯން ގަތުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އުމުރުން މިހާރު 29 އަހަރުގެ މިންޔޯން ކުޅެމުންދަނީ އިޓަލީގެ އޭސީ މިލާނަށެވެ. އެ ކުލަބާއެކު އެނާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި މިލާނުގެ އެއްބަސްވުން އާނުކުރުމަށްވެސް ކީޕަރު ވަނީ ނިންމާފައެވެ.

މިންޔޯން ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 30 މެޗު ކުޅެދީފަ އެވެ. އޭނާ އަށް ގައުމީ ކީޕަރުކަން ލިބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކީޕަރު ހޫގޯ ލޮރިސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލުމުންނެވެ.

މި ސީޒަނުގައި ތައްޓެއް ނުލިބުނުއިރު، ޕްރެމިއާ ލީގުގެ 16 ވަނާގައި އޮތް ޔުނައިޓެޑުން ގަބޫލު ކުރާ ގޮތުގައި އަންނަ ސީޒަނަށް އެކުލަބުން އެންމެ ބޮޑަށް ވަރުގަދަ ކުރަންޖެހޭ ޑިޕާޓްމަންޓަކީ ގޯލްކީޕަރުގެ ޑިޕާޓްމަންޓެވެ. ޔުނައިޓެޑްގެ އެއްވަނަ ކީޕަރުގެ ގޮތުގައި މިވަގުތު ކުޅެމުންދަނީ ކެމަރޫނުގެ ގައުމީ ކީޕަރު އަންދްރޭ އޮނާނާއެވެ.

އިޓަލީގެ އިންޓަމިލާނުގައި މޮޅަށް ކުޅުނު ކީޕަރު މީގެ ދެ ސީޒަން ކުރިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ދައްކަނީ ވަރަށް ފީކަޅާ ކުޅުމެކެވެ. ގިނަ މެޗުތަކުގައި އޭނާ އަތުން ހެދޭ ގޯސް ތަކުގެ ސަބަބުން ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވެސް ވަނީ ހައްދެއްނެތި އަމާޒުވެފައެވެ. މިހެންވެ ޔުނައިޓެޑް ވިސްނަމުންދަނީ އޮނާނާ ވިއްކާލުމަށެވެ. މި ގޮތުން މިކަން ކުރާނީ މަދުވެގެން 30 މިލިއަން ޕައުންޑްގެ ނުވަތަ މި އަދަދާ ގާތްކުރާ ހުށަހެޅުމެއް ލިބޭނަމައެވެ.

މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މި ސީޒަނަށް ފަހު އެ ޓީމުގެ ގިނަ ކުޅުންތެރިން ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. ކޯޗު ރުބެން އަމޮރިމް ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ގަތުމަށް ބޭނުންވާ ފައިސާ ލިބެން އޮތީ އެންމެ ފުރަތަމަ މިހާރު ތިބި ކުޅުންތެރިން ވިއްކާލައިގެންނެވެ. ޔުނައިޓެޑް މިހާރު ހިންގަމުން އަންނަ އިނިއޯސް ގްރޫޕުން އަންނަ ސީޒަނަށް ކުޅުންތެރިން ގަތުމަށް 100 މިލިއަން ޕައުންޑް ހަދަރު ކުރާނެ ކަމަށްވެ އެވެ. އެކަމަކު އެއީ ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާއާއެކުގަ އެވެ.