ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު 2030ގެ ކުރިންވެސް ހާސިލްވާނެކަމުގެ އުންމީދުބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ހުޅުވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވަނީ އުފެއްދުންތެރިކަމުގެ މައުރަޒަކީ ކާމިޔާބު މައުރަޒެއް ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުފެއްދުންތެރިކަމުގެ މައުރަޒުގެ މަޤުސަދަކަށްވީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުޞަތު ދެއްވުން ކަމަށާއި އެ ފުރުޞަތުގެބޭނުން ވަރަށް ގިނަ ރައްޔިތުން ވަރަށް ފުޅާކޮށް ހިފާފައިވާ ކަމަށެވެ. އަދި މިއީ ފެށުމަށް ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހުށަހެޅުންތަކެއް ފެނިގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2030ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީ ކަމަށް ހެދުމަށް ނިންމަވާފައިވާ ކަމަސެވެ. ނަމަވެސް މައުރަޒުގައި އެ ދާއިރާއިން ފެނިގެންދިޔަ ހުށަހެޅުންތަކަށްބަލާއިރު 2030ގެ ކުރިން އެ ވައުދު ހާސިލްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މުޅި ޖީޑީޕީގެ %15 އަކީ ކްރިއޭޓިވް އިންޑަސްޓްރީން ކޮންޓްރިބިއުޓް ކުރާ ކުރާ އެއްޗަކަށް ހަދަން އަޅުގަނޑު އޮންނާނީ ނިންމާ އިއުލާންކޮށްފައި 2030 އާ ހަމައަށްދާއިރު. އެއަށްވިރެ ކުރިންވެސް އެޗީވްކުރެވިދާނެ މިފެންނަ ޝައުުގުވެރިކަމަށް ބަލާއިރު. އަޅުގަނޑުގެ ޒިންމާއަކަށް ދެކެނީ މިކަމަށް ފުރުސަތުދޭން. މި ޓެލެންޓުތަކަށް ފުރުސަތުދޭން. މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަންކަން. ފުރިހަމަ ޕޭމަންޓް ގޭޓްވޭ ނިޒާމެއް ގާއިމްކުރުމާއި ސެލަރ އެކައުންޓް ކްރިއޭޓް ކުރުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒް ޕްލެޓްފޯމެއްގެ ތެރެއިން ރާއްޖޭގެ އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށެވެ. އަދި މިހާރު ހުރި ފުރުސަތުތައް އެއަށްވުރެ އިތުރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެންމެން ގުޅިގެން ޤައުމަށާއި ވަކިވަކި ފަރުދުންނަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.