ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް!


  • ކުޑަކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒު މިއަދު ހަވީރު ހާއްސަކުރީ އާއިލާތަކާއި ކުޑަކުދިންނަށެވެ.

މި މައުރަޒުގައި ކުޑަކުދިންނަށް ބައިވެރިވެވޭ އެކި ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިޔައީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިންނެެވެ. އެގޮތުން މައުރަޒުގެ އެންޓަޓެއިންމަންޓް ޑިސްޓްރިކްޓްގައި އެކި އުމުރުފުރައިގެ ކުދިން ޝައުގުވެރިވާ އެކި ކުޅިވަރުތަކާއި، ވީޑިއޯ ގޭމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ރޮބޯމޭންވެސް ވަނީ މި ހަވީރުގައި ބައިވެރިވެ ކުޑަކުދިންނާއެކު ވަގުތު ހޭދަކޮށްފައެވެ.

އިގްތިސާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި އެކި ހަރަކާތްތައް އެއް މައުރަޒެއްގެ ތެރެއިން ފެނިގެންދާނެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިރޭ، ބޮޑު ބެރުގެ އެކި ހުށައެޅުންތައްވެސް އޮންނާނެކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މައުރަޒުގައި މާކެޓް ޕްލޭސްއެއް ޤާއިމުކޮށްފައިވާއިރު، މިމާކެޓް ޕްލޭސްގައި އެކި ބާވަތުގެ ތަކެތި ވިއްކޭނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކާބޯތަކެތީގެ އެކި ރަހަތައް މިމައުރަޒުގެ ތެރޭގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމަހުގެ 31 ވަނަ ނިޔަލަށް ކުރިއަށްގެންދާ މިމައުރަޒުގައި ދިވެހި އެކި އުފެއްދުންތައް ވަނީ ދައްކާލާފައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުންވެސް ވަނީ އެކި އުފެއްދުންތައް މައުރަޒުގައި ބައިވެރިކޮށްފައެވެ.