އެތުލެޓިކް ބިލްބާއޯއިން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ އެއްބަސްވުން އައުކުރަން ނިންމައިފިއެވެ.
މި ގޮތުން އޭނާއާ އެކު ސޮއިކުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އުމުރުން 61 އަހަރުގެ ބާސެލޯނާގެ ކުރީގެ ކޯޗު ވަލްވާޑޭ ވަނީ ބިލްބާއޯއާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މި ގޮތުން އެކުލަބުން އެންމެ ބޮޑަށް ފާހަގަ ކުރަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ. ވަލްވާޑޭގެ ކޯޗުކަމުގައި ބިލްބާއޯ ވަނީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. އެ ޓީމު ބަލިވީ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.
ވަލްވާޑޭ އަކީ މިހާރު ބިލްބާއޯ އަށް އެންމެ ގިނަ މެޗުގައި ކޯޗުކޮށްދިން ކޯޗެވެ. އޭނާ ވަނީ މިހާތަނަށް 451 މެޗުގައި އެ ޓީމަށް ކޯޗުކޮށްދީފަ އެވެ.
1990 ވަނަ އަހަރުން ފެށިގެން 1996 އަށް ބިލްބާއޯ އަށް 170 މެޗު ކުޅެ 44 މެޗު ކުޅެދިން ވަލްވާޑޭ އެންމެ ފުރަތަމަ ބިލްބާއޯ އަށް ކޯޗުކޮށްދިނީ 2002 ވަނަ އަހަރު އެވެ. އެގެ ފަހުން އެސްޕަނިޔޯލް އާއި ގްރީސްގެ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ސްޕޭނުގެ ވިޔަރެއާލް އާއި ވެލެންސިއާ އަށް ވެސް އޭނާ ކޯޗުކޮށްދިނެވެ. ދެ ވަނަ ފަހަރަށް އޭނާ ބިލްބާއޯގެ ކޯޗުކަން ދޫކޮށްނީ 2013 އިން 2017 ވަނަ އަހަރަށް ކޯޗުކަން ކުރުމަށްފަހު ބާސެލޯނާގެ ކޯޗަކަށްވުމަށެވެ. ބާސެލޯނާގައި އޭނާ ވަނީ ތިން ސީޒަނުގައި ސްޕެނިޝް ލީގު ދެ ފަހަރު އަދި ކޮޕާޑެލްރޭ އާއި ސެޕްނިޝް ސުޕަކަޕަ ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އަލުން ބިލްބާއޯގެ ކޯޗުކަމަށް އޭނާ ގެންދިޔައީ 2022ގަ އެވެ.