ޚަބަރު

ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި


  • ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި

  • ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައި

  • މިމަޝްރޫޢަށް 56.26މިލިޔަން ރުފިޔާ ޚަރަދުވި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ބ.ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ.

ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި، ފެނަކަ އާއި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ.

ކެންދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ.

ކެންދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓް ފޯލް ވަނީ އަޅާފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެކެވެ. 56.26މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.