ޚަބަރު

އެމްއެންޔޫ ޖޮބް ފެސްޓިވަލް: 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު


  • މި ފެސްޓިވަލް މިރެޔާ ހަމައަށް ކުރިއަށްދާނެ

  • 70 އަށްވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވޭ

500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތަކާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް އާންމުންނަށް ހުޅުވާލައިފިއެވެ.

ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ މިޖޮބް ފެސްޓިވަލް ކުރިއަށްދާނީ މިރެއާ ހަމައަށެވެ. މިއީ އެޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާންމުންނަށް ހުޅުވާލާފައިވާ ފެސްޓިވަލެކެވެ.

އިއްޔެ ހުޅުވި މިފެސްޓިވަލް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒާއި ކެމްޕަސް ތަކުގައެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ފެސްޓިވަލްގެ މިފަހަރުގެ ފެސްޓިވަލް އެމްއެންޔޫ މާލެ ކެމްޕަސްގެ އިތުރުން އެމްއެންޔޫ އަތޮޅު ކެމްޕެސްތަކުގައިވެސް ކުރިއަށްދާނެއެވެ.

މިފަހަރު ޖޮބްފެސްޓިވަލްގައި 70 އަށްވުރެ ގިނަ މުއައްސަސާއިން ބައިވެރިވެފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކެމްޕަސްތަކާއިި އެމްއެންޔޫގެ ސްޓޯލްތައް ހިމެނޭހެން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތައް ވަނީ ހުޅުވާލާފައެވެ.

ޤައުމީ ޔުނިވަރސިޓީން ބާއްވާ ޖޮބް ފެސްޓިވަލަކީ ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރިންނާއި އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ގުޅުވާލަދޭ ބާޒާރެކެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އާންމުންނަށް ހިލޭ ވަދެވޭގޮތަށެވެ.