ޚަބަރު

ކްލަބް ވޯލްޑްކަޕަށްފަހު މޮޑްރިޗް ރެއާލް މެޑްރިޑް ދޫކޮށްލަނީ


އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް އެ ކްލަބް ދޫކޮށްލާނެ ކަމަށް އޭނާ ބުނެފި އެވެ.

ކްރޮއޭޝިޔާއަށް އުފަން އުމުރުން 39 އަހަރުގެ މޮޑްރިޗް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައިވަނީ މިއީ ދެކެން ބޭނުންނުވި ދުވަހެއް ނަމަވެސް މި ވަގުތު އަންނާނެކަން ގަބޫލުކުރި ކަމަށެވެ.

"މިއީ އަހަރެންނަށް އަންނަން ބޭނުންވާ ދުވަހެއް ނޫން ނަމަވެސް މި ދުވަސް އަންނާނެކަން އެނގޭ. މިއީ ފުޓްބޯޅަ އަދި ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ފެށުމަކާއި ނިމުމެއް ވާނެ. މި ސީޒަނަށްފަހު އަހަރެން މެޑްރިޑް ދޫކޮށްލާނަން." މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް އިތުރަށް ބުނެފައިވަނީ 2012 ވަނަ އަހަރު އޭނާ ރެއާލް މެޑްރިޑާއި ގުޅުނީ އެއީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ޓީމަށް ވެފައި އެ ކްލަބާއިއެކު ރަގަޅު ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

"ރެއާލް މެޑްރިޑަށް ކުޅެން ފެށުމާއިއެކު އަހަރެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދިން. އަދި މި ކްލަބުގައި ހޭދަކުރެވުނު ދުވަސްތަކާއިމެދު އަހަރެން ފަހުރުވެރިވާނަން. މިއީ އަހަރެން ފުޓްބޯޅަ ހަޔާތުގައި އެންމެ ކާމިޔާބު ދުވަސްތައް." މޮޑްރިޗް އިތުރަށް ބުންޏެވެ.

2012 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އިން ރެއާލް މެޑްރިޑަށް ބަދަލުވި މޮޑްރިޗް ވަނީ އެ ކްލަބާއިއެކު 28 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ވަނީ ހޯދާފަ އެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ހަ ފަހަރު އަދި ޔޫރަޕިއަން ސުޕަރ ކަޕް ފަސް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.

ރެއާލް މެޑްރިޑާއިއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމަށް މިދިޔަ އަހަރު ވަނީ އެއް އަހަރު ދުވަސް އިތުރު ކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި މޮޑްރިޗް ކުޅޭ ފަހު މެޗު އޮންނާނީ ބެޔާ ލެވަކޫސަން އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު އެވެ. މި މެޗަކީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީގެވެސް ފަހު މެޗެވެ.

ލިވަޕޫލް ބަލިކޮށް 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ފައިނަލަށް ކްރޮއޭޝިޔާ ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރެއާލް މެޑްރިޑް ދޫކޮށްލާނެކަން މޮޑްރިޗް އިއުލާން ކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ މަހު އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބް ސްވަންސީ ސިޓީގެ މައިނޯރިޓީ ހިއްސާ ގަނެފަ އެވެ.