އިސްރާއީލުން ޣައްޒާގެ ޞިއްޙީ ނިޒާމަށާއި، އެމްބިއުލާންސްތަކަށާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ތަޤުރީރުކުރައްވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމްވަނީ ޣައްޒާގެ ޞިއްޙީ ނިޒާމަށާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓުވުމަށް ގޮވާލައްވާފައެވެ.
މިހާރު ކުރިއަށްދާ ޞިއްޙަތާ ބެހޭ މިސަމިޓުގައި ތަޤުރީރުކުރައްވަމުން ޞިއްޙީ ވަޒީރު، ޢަބްދުﷲ ނާޛިމް އިބްރާހީމްވަނީ ޣައްޒާއަށް ކުރިމަތިކޮށްފައިވާ އިންސާނިއްޔަތާއި ޚިލާފު ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ޣައްޒާގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމުގެ ކަންބޮޑުވުން ވަޒީރުވަނީ ފާޅުކުރައްވާފައެވެ. އަދި ޣައްޒާގެ ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ. ވަޒީރުވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލާ ޣައްޒާގައި ރައްކާތެރި ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޣައްޒާއަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ޤައުމުތަކަށާއި އެހީދޭ ފަރާތްތަކަށް ވަޒީރު ނާޛިމްވަނީ ގޮވާލައްވާފައެވެ.
ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރުގައިވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އަދި ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް ވަޒީރުވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް ޞިއްޙީ ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.