ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އެމެރިކާގެ ހަވާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ)ގެ ޚާއްޞަ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ބައިންލްއަޤްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.
ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމް ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ ކާރިސާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ޤައުމުތަކަށް އައު އީޖާދީ ޙައްލުތައް ހޯދުމަށް އާދަޔާ ޚިލާފު ވިސްނުންތަކުން ދުރުހެލިވެ، ބަދަލުވަމުންދާ ވިސްނުމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަތައްވެސް އެމަނުކުފާނު ދައްކަވާފައިވެއެވެ. މި ޤައުމުތަކުގައި މޫސުމީ ބަދަލުތަކުގެ އަސަރުތަކަކީ ހަމައެކަނި ނަޒަރިއްޔާތުގެ ނުރައްކަލެއް ނޫންކަމާއި، އެއީ ބިންތަކާއި މުޖުތަމަޢުތައް އަލުން ބައްޓަންކުރަމުންދާ ޙަޤީޤަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މިދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުންތަކަށްބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، ރިނިއުބަލް އެނާރޖީ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތު ބޭއްވީ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާޙީ ޙަފްލާގައެވެ.
ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ) އިނޯއީ ރީޖަނަލް ސެންޓަރަށް ޒިޔާރަތްކުރެއްވި ފުރަތަމަ ދިވެހި ނައިބު ރައީސްގެ ޝަރަފުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ މުޖުތަމަޢުތަކަށް އެ ފަރާތުން ފޯރުކޮށްދޭ އަގުހުރި ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ޕެސިފިކް ފޯރަމުން ބާއްވާ، ހޮނޮލޫލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބެލެހެއްޓުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތަށް އަލުން އިލްތިޒާމުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ނައިބު ރައީސް ވަނީ ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ) ގެ އެގްޒެކެޓިވް ޑައިރެކްޓަރ ގްވެން ޔަމަމޯޓޯ-ލާއުއާއެކު ސްޓްރެޓެޖިކް މަޝްވަރާތަކެއް ކުރައްވާފައެވެ. ނައިބު ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި، މޯލްޑިވްސް ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޔުޓިލިޓީ ކުންފުނިތަކުގެ މަންދޫބުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންވެސް ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިހިނގާ މެއި މަހުގެ 19 އިން 23 އަށް، އެމެރިކާގެ ހަވާއީގެ ހޮނޮލުލޫގައެވެ.