ކުޅިވަރު

ރައީސުލްޖުމްހުރިއްޔާ ދެއްވި ސްކޭޓް ޕާކުގެ ޔަގީންކަމަކީ ސްކޭޓަރުންނަށް ލިބުނު ހިތްހަމަޖެހުމެއް


ސްކޭޓަރުންނަށް ޚާއްސަކުރެވިގެން ތައްޔާރުކުރުމަށް ރޭވިފައިވާ ސްކޭޓް ޕާކަކީ މިކުޅިވަރުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުހަންމަދު ހާނިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހާނިމްވިދާޅުވީ، ސްކޭޓަރުންނަށް ޚާއްސަކުރެވިގެން ތައްޔާރުކުރުމަށް ރޭވިފައިވާ ސްކޭޓް ޕާކާއެކު މުޅި ސްކޭޓް ކޮމިއުނިޓީއަށްވެސް ވަނީ ވަރަށް ބޮޑު އުފަލެއްލިބިފަކަމަށެވެ. ހާނިމް މިހެން ވިދާޅުވީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހަންމަދު މުއިއްޒު ސްކޭޓަރުންނަށް ދެއްވި އުފާވެރި ޚަބަރަށް އިޝާރާތްކުރައްވަމުންނެވެ.

"އަޅުގަނޑުމެން މިހުރިހާ ސްކޭޓަރުންނާ، ބެލެނިވެރިން އަދި މުޅި ސްކޭޓް ކޮމިއުނިޓީ މިތިބީ ވަރަށް ބޮދު އުފާވެރިކަމެއްގެ ތެރޭގަ. އެއީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނޫސް ކޮންފަރެންސެއްގަ ވިދާޅުވި، ޕާކެއް ވުޖޫދަށް އަންނަ ވާހަކަ. އުސްފަސްގަނޑުގަ އަދި ހުޅުމާލެއިން 25،000 (ފަންސަވީސްހާސް) އަކަފޫޓުގެ ބިމެއް އެޗްޑީސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ ސިގްނަލް ރައީސް ދެއްވި" ހާނިމް ވިދާޅުވިއެވެ.

ހާނިމް އިތުރަށް ވިދާޅުވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ތައްޔާރުވަމުންދާ ސްކޭޓް ޕާކުގެ މަސައްކަތްތައް ކުޅިވަރާބެހޭ ވަޒީރުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަމަށެވެ. މިޕާކުގެ އަމަލީ މަސައްކަތްފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާ މިކަމުގައި ސްކޭޓް މޯލްޑިވްސްގެ ޚިޔާލާއި މަޝްވަރާވެސް ކުޅިވަރު ވުޒާރާއިން ހޯއްދެވިކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.

"ދެން މިތަނުގައި އުސްފަސްގަނޑުގައި ކުރިއަށްދާ ސްކޭޓް ޕާކުގެ މަސައްކަތްތައް ހަމަ ކުޅިވަރާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން ކުރެހުންތައް ނިންމާ، މިކަމުގެ ވަރަށް ބޮޑު ބައިވެރިވުމެއް އަޅުގަނޑުމެން ސްކޭޓް މޯލްޑިވްސްގެ ފަރާތުން ޚާއްސަކޮށް އެކަމުގެ ތެރޭގައި އަޅުގަނޑު އުޅެފިން. އެހެންވީމަ އިރާދަކުރެއްވިއްޔާ ވަރަށް އުންމީދީ ދުވަސްތަކެއް ސްކޭޓްގަ މިއޮތީ" ހާނިމް ވިދާޅުވެފަވެއެވެ.

އަލަށް ތަރައްޤީކުރެވޭ މި ސްކޭޓް ޕާކާއެކު ސްކޭޓަރުން ތަމްރީނުކުރުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ހާނިމް ދެކެލައްވައެވެ. މިގޮތުން ޖާގަ ތަނަވަސްވެ، ކުދިންގެ ތަމްރީނުތައް އެތައް ގޮތަކުން ކުރިއަރާނެކަމަށް ހާނިމް ވިދާޅުވިއެވެ. މިހާރު ތަމްރީނުތައް ހަދަމުންދާ އުސްފަސްގަނޑަކީ ސްކޭޓިން ޕްރެކްޓިސްއަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށާ، މޫސުމާ ގުޅިގެންވެސް ޕްރެކްޓިސްތަކަށް ބުރޫއަރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިތަނުގައި ދުއްވާލަން މިލިބެނީ ވަރަށް ކުޑަކޮށް، ސްޕީޑް ލިބުމާ އެއްކޮށް އަނބުރާލަން މިޖެހެނީ. އެކަމު މިތާނގަ 100 މީޓާރސްގެ ޓްރެކެއް އެޅުނީމަ އެއީ އަޅުގަނޑުމެން ތަމްރީނު ޕްރޮގްރާމުތަކަށް ރާއްޖެއިން ބޭރަށް ދާންނުޖެހޭނެ، ރާއްޖޭގަ މަސައްކަތްކޮށްގެން ރާއްޖޭން ބޭރުގެ މުބާރާތްތަކުގަ ވާދަކުރެވޭނެ" ހާނިމް ފާހަގަކުރެއްވިއެވެ.

މިފަދަ ޓްރެއިނިންގ ޕްރޮގްރާމުތަކަށް މިހާރު ޖެހެނީ ގައުމުން ބޭރަށްދާންކަމަށާ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްކޮށް އެތަކުލީފަށް ހައްލެއް ލިބިގެންދާނެކަމަށް ހާނިމް ގަބޫލުކުރައްވައެވެ. ހާނިމް ވިދާޅުވީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ކުޅިވަރު ވަޒީރުވަނީ ސްކޭޓިން ޓްރެކެއްގެ އުންމީދު ދެއްވާފައިކަމަށާ، އެކަމަށް ކެނޑި ނޭޅިކުރެވުނު މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލެއްވުމާއެކު، ކައިރި މުސްތަގުބަލެއްގައި މި ހުވަފެން ހަގީގަތަކަށްވުމުގެ ފުރުސަތު ބޮޑުވެއްޖެކަމަށެވެ.

"ޓްރެކެއް އިރާދަކުރެއްވިއްޔާ ލިބުނީމަ އަޅުގަނޑުމެން މިދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ތަންކޮޅެއް ފަސޭހަވެގެންދާނެ" ސްކޭޓިން ޓްރެކާ ގިނަ އުންމީދުތަކެއް ގުޅިފައިވާކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.