ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ސްކޮޑް ކުޑަނުކޮށްފިނަމަ އެ ޓީމު ދޫކޮށްލާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކޮންމެ މެޗަކަށް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުލާ ނިކުތުމަކީ ދެރަވާ ކަމެއް ކަމަށާއި ސްކޮޑު ކުޑަ ނުކުރާނަމަ ޓީމުގައި މަޑު ނުކުރާނެކަމަށް ކްލަބަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"ކޮންމެ މެޗަކަށް ނިކުންނައިރު ހަތަރެއް ނޫން ފަސް ކުޅުންތެރިން ނުލާ ލިސްޓު ފައިނަލް ކުރުމަކީ ދަތި އުނދަގޫ ކަމެއް. އެކަން އެގޮތަކަށް ނުކުރެވޭނެ. އަހަރެން ބޭނުމެއް ނޫން ބޮޑު ސްކޮޑަކާއެކު މަސައްކަތް ކުރާކަށް." ގާޑިއޯލާ ބުންޏެވެ.
"ކޯޗެއްގެ ގޮތުގައި އަހަރެންނަށް 24 ކުޅުންތެރިން ޓްރެއިން ކޮށްފަ ހަތަރު ކުޅުންތެރިން ގޭގައި ނުބޭތިއްބޭނެ މެޗު ބަލަން. މިއީ މިކަން ވާނެ ގޮތެއް ނޫން އަދި އެކަން އަހަރެން ވާނީ ކްލަބަށް އަންގާފައި. ޓީމުގެ ސްކޮޑު ކުޑަ ނުކުރާނަމަ އަހަރެން ޓީމުގައި މަޑު ނުކުރާނެކަން ކްލަބަށް ވާނީ މިހާރު އަންގާފައި." ގާޑިއޯލާ އިތުރަށް ބުންޏެވެ.
އަމިއްލަ ދަނޑުގައި މި ސީޒަނުގައި ސިޓީ ރޭ ކުޅުނު ފަހު މެޗުގައި ބޯންމަތު އާއި ދެކޮޅަށް ނިކުތްއިރު މުހިންމު ކުޅުންތެރިންތަކެއް ކަމުގައިވާ ކުސަނޯވް އާއި ސަވީނިއޯ އާއި ޖޭމްސް މެކްއާޓީގެ އިތުރުން އެޗެވޭރީ އަދި ރިކޯ ލެވިސްއަށް 20 ކުޅުންތެރިންގެ ލިސްޓުން ފުރުސަތު ލިބިފައެއް ނުވެއެވެ.
މި ސީޒަނުގެ މެދު ތެރޭގައި ސިޓީއަށް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކާއިއެކު އެ ކްލަބުން ވަނީ މިދިޔަ ޖެނުއަރީ މަހު ހަތަރު ކުޅުންތެރިން ހޯދުމަށް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސިޓީން ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެތޯ އެހުމުން ގާޑިއޯލާ ބުނެފައިވަނީ އެއީ ކްލަބުގެ ނިންމުމެއް ކަމަށާއި އޭނާ ބޭނުންވާ ގޮތް ކްލަބަށް އަންގާފައިވާނެ ކަމަށެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޖެހިޖެހިގެން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގައި ތަށްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.