ދުނިޔެ

އުތުރުކޮރެޔާއިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި ކަމަށް ޚަބަރުލިބިއްޖެއެވެ. 

އުތުރު ކޮރެޔާގެ ޤައުމީ ޓީވީން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި ލީޑަރ ކިމް އެފަދަ މިސައިލް ޓެސްޓެއް ސުޕަރވައިޒް ކުރައްވާ ފޮޓޯއެއް ވަނީ ކޭއާރުޓީން އާންމުކޮށްފައެވެ. އުތުރު ކޮރެޔާއިން ބުނީ މިފަހަރުގެ ޓެސްޓަކީ، އެޤައުމުމް ދީފާނެ ހަމަލާއެއްގެ ދިފާއުގައި ކަމަށްބުނެ ދެކުނުކޮރެޔާއާއި އެމެރިކާ ގުޅިގެން ކުރިޔަށްގެންދާ "ތާޑް" ޙަރަކާތްތަކާ ގުޅިގެން ކުރި ޓެސްޓުތަކެއް ކަމުގައެވެ. 

އުތުރުކޮރެޔާއިން މީގެ ހަފްތާއެއްގެ ކުރިންވެސް ވަނީ ބެލިސްޓިކް ތިން މިސައިލް، އިރުމަތީ އައްސޭރި ފަށާ ދިމާއިން ކަނޑަށް ފޮނުވާލާފައެވެ. އެންމެފަހުގެ ޓެސްޓް މިސައިލް ދޫކޮށްފައިވަނީ އަންގާރަދުވަހު ކަމަށްބެލެވޭއިރު ސްޓޭޓް ޓީވީއިން ޢާންމުކޮށް ކަންތައްކުރާ ގޮތުގެ މަތިން ވަގުތާ ތާރީޚްފަދަ ތަފްސީލް ދީފައެއްނުވެއެވެ.

އުތުރު ކޮރެޔާއިން މަސައްކަތް ކުރަނީ ނިއުކްލިއަރ ވޯހެޑް އުފުލޭ ފަދަ ބެލިސްޓިކް މިސައިލެއް އުފެއްދުމަށްކަމަށް ބެލެވެއެވެ. ނަމަވެސް ކަމާބެހޭ މާހިރުން ޤަބޫލުކުރާ ގޮތުގައި މިކަން ކާމިޔާބު ކުރުމަށް އަދިވެސް އެތައް އަހަރެއް ނަގާނެއެވެ.

އެޤައުމުން ކުރި ހަތަރުވަނަ ނިއުކްލިއަރ ޓެސްޓް މިއަހަރުގެ ޖަނަވަރީ މަހު ކޮށްފައިވާއިރު، ފެބްރުއަރީމަހު ދުރުރާސްތާ ރޮކެޓެއް ވެސް ވަނީ އުދުއްސާފައެވެ. މިކަމާ ގުޅިން އދގެ ސަލާމަތީ މަޖިލީހުން ވަނީ އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.