އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލްއާ ގުޅިގެން ފަށާފައިވާ ރާއްޖެ އިސްތިހާރުކުރުމުގެ ކެމްޕޭނަށް އެއްބާރުލުންދިނުމުގެ ގޮތުން އެ ކުލަބުގެ ސީނިއަރ މެނޭޖުމަންޓް ޓީމުގެ ދެ އޮފިޝަލުން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައެވެ.
ލިވަޕޫލް އެފްސީގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރީ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރއެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި އެމް.އެމް.ޕީ.އާރު.ސީ/ވިޒިޓް މޯލްޑިވްސް އިން އެކަން ހާމަ ކުރެއްވީ، މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، 3 އަހަރާ 6 މަސްދުވަހަށް ކުރިއަށް ގެންދަވާ، ބައިނަލްއަޤުވާމީ ކެމްޕޭނެކެވެ. އަދި މި ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ 3 އޭޕްރީލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައެވެ.
މި ކެމްޕޭނުގެ ދަށުން ރާއްޖެ އައި ލިވަފޫލުގެ އިސް ދެ އޮފިޝަލުން ސަރުކާރުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީން ބުނާ ގޮތުގައި ލިވަޕޫލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އެގޮތުން އަންނަ މަހު ލިވަޕޫލުގެ ކުޅުންތެރިން ހިމެނޭ ކޮންޓެންޓް ބޭނުންކޮށްގެން ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރްސީން ބުނީ ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ދެ އޮފިޝަލުންގެ މި ޒިޔާރަތަކީ ގުޅުންތައް ބަދަހިކުރުމަށާއި ދެފަރާތުން ގުޅިގެން އެއްބާރުލުންދެވޭނެ ފުރުސަތުތައް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.