ޚަބަރު

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއެކު ޕީއެސްއެމްގެ މުވައްޒަފުން ތަމްރީނު ކުރުމަށް އެއްބަސްވުމެއް


  • ލިމްކޮކްވިންގގެ އެކި ކޯސްތަކުގައި ބައިވެރިވެ ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ޕީއެސްއެމްއާ ދެމެދު ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން މެލޭޝިއާގެ ލިމްކޮކޮވިންގް ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މިފަހުމުނާމާގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަސްރީންއެވެ. އަދި ލިމްކޮކްވިންގް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސީޓީގެ ޗީފް ބްރޭންޑް އޮފިސަރ ޓިފަނީ މަރީ ލިމްއެވެ.

މިފަހުމުނާމާގެ ދަަށުން، ލިމްކޮކްވިންގް ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި ބައިވެރިވެ ތަމްރީނު ހޯދުމުގެ ފުރުސަތު ޕީއެސްއެމްގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. އަދި އެ ޔުނިވަރސިޓީން ކުރިއަށްގެންދާ މީޑިއާ ދާއިރާގެ އެކި ޕްރޮގްރާމްތަކާއި ކޯސްތަކަށް، ސްކޮލަރޝިޕް ފުރުސަތު ހޯދުމަށްވެސް މި ފަހުމުނާމާގެ ދަށުން މަސައްކަތް ކުރާނެއެވެ. މީގެއިތުރުން ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެ ދާއިރާއަކާއި ގުޅޭގޮތުން ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ފަހުމުނާމާގެ ދަށުން މަސައްކަތް ކުރާނެއެވެ. މިފަހުމުނާމާގެ ދަށުން ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ޕާޓްނަރވެފައިވާ ރަޝިއާގެ ސިނާޖީ ޔުނިވަސިޓީންވެސް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މިފަހުމުނާމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ މިއީ ކުންފުނީގައި ތިބި މުވައްޒަފުންގެ ފަންނީ ޤާބިލިއްޔަތުކަން އިތުރުކުރުމަށާއި މުވައްޒަފުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށެވެ. ނަސްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި މީޑިއާ ދާއިރާގެ ތަމްރީނުތައް ހިންގާ މި ދާއިރާއަށް މީހުން ނެރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ލިމްކޮކްވިންގް ޔުނިވަރސިޓީއަކީ މީގެކުރިންވެސް ޕީއެސްއެމާއެކު މުވައްޒަފުން ތަމްރީނު ކުރުމަށް ގުޅިގެން މަސައްކަތް ކޮށްފައިވާ ޔުނިވަރސިޓީއެކެވެ. އެގޮތުން ޕީއެސްއެމްގެ މުވައްޒަފުންނަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ، ފުރުސަތު ލިބިފައިވެއެވެ. އަދި 2017 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕީއެސްއެމް ދަށުން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އާއި ގުޅިގެން ކޯސްތަކެއް ހިންގާފައިވެއެވެ.

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި ގުޅިގެން ކުންފުނީގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ދާދި އަވަހަށް ވިލާ ކޮލެޖާއި އެމްއައި ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ތަމްރީނުތައް ހިންގުމަށް އައިޔޫއެމްއާއި ގުޅިގެންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރުވެސް މަޝްވަރާކުރެވެމުންދާ މަތީ ތަޢުލީމު ދޭ ތަންތަނުގެ އިތުރަށްވެސް އެހެން ތަންތަނުންވެސް މިފަދަ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ބުނެއެވެ. މިގޮތުން ހަދަން ޖެހޭ އެސެސްމެންޓްތައް ހެދުމަށް ފަހު އެމަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް އެމްއެމްއައިން ބުނެއެވެ.