ޝަރުޢީ ދާއިރާގެ ޚަބަރުތައް ގެނެސްދެއްވުމުގައި ވިސްނުން ބަހައްޓަވަންވީ ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ޖުޑީޝަރީން ކުރިއަށްގެންދަވައިފިއެވެ.
ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރިއަށްގެންދެވި މި މަސައްކަތު ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ފަރާތުން ވަނީ ކޯޓްގެ ޙުރުމަތް ރައްކާތެރިކުރެއްވުމާ ބެހޭ ޤަވާއިދުތަކާއި ޤާނޫނުތަކާ ގުޅޭ މަޢުލޫމާތު މީޑިއާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ޙިއްޞާ ކުރައްވާފައެވެ. އަދި ކޯޓްތަކުގެ ޚަބަރުތައް ގެނެސްދިނުމުގައި ކޯޓްތަކުގެ ޙުރުމަތް ކެނޑޭ ހިސާބަކީ ކޮބައިކަން ވެސް ބަޔާންކޮށްދެއްވާފައިވެއެވެ.
ޝަރުޢީ ކޯޓްތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ގެނެސްދެއްވާ ޚަބަރުތަކާގުޅިގެން ނުސީދާ ގޮތެއްގައި ކޯޓްގެ ނިންމެވުމަށް އަސަރުކުރަމުން އަންނަކަން ފާހަގަކުރައްވައި، ކޯޓް ކޭސްތަކާ ގުޅޭ ޚަބަރުތައް ގެނެސްދެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައި، ވަކިކޮޅަކަށް ބުރަނުވާގޮތަށް ޢާންމުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި ކޯޓްތަކުގެ ޙުރުމަތް ގެއްލޭގޮތަށް ބައެއް މީޑިއާތަކުން މަޢުލޫމާތު ފަތުރުއްވާކަން ފާހަގަކުރައްވައި، އެގޮތަށް ޢަމަލުކުރެއްވުމުގެ ބަދަލުގައި ކޯޓްތަކުން ކަމާގުޅޭ ޞައްޙަ މަޢުލޫމާތު ހޯއްދެވުމަށްފަހު މަޢުލޫމާތު ޢާންމުކުރެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި، ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ޝަރުޢީ ދާއިރާގެ ޚަބަރުތަށް ކަވަރު ކުރެއްވުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި، އެކިއެކި ނޫސް އެޖެންސީތަކުގެ އެޑިޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއީ ޝަރުޢީ ދާއިރާގެ އޯޕަންހައުސް މީޑިއާ ވީކްގެ އެންމެ ފަހު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެވެ.
މި ހަފްތާ ތެރޭގައި ޝަރުޢީ ދާއިރާގެ އިސްވެރިންވަނީ މީޑިއާތައް ރެގިއުލޭޓް ކުރައްވާ ފަރާތްތަކާއި، ދައުލަތުގެ މީޑިއާއާ ވަކިން ބައްދަލުކުރައްވާ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ސުޕީރިއަރ ކޯޓްތަކުގެ އިސް ޤާޟީންވަނީ ކޯޓްކޭސްތައް ކަވަރުކުރައްވާ ރިޕޯޓަރުންނާއި، އެކި މީޑިއާތަކުގެ އެޑިޓަރުންނާ ބައްދަލުކުރައްވައި ދެފަރާތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.