ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް 3 ރަށެއްގައި ރިމާންޑް ސެންޓަރު


  • ރިމާންޑް ސެންޓަރުތައް ޤާއިމްކޮށްފައިވަނީ ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ސ. ހުޅުދޫގައި

  • 3 ސެންޓަރުވެސް ހިންގަމުންދާނީ އެންޑީއޭއިން

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 3 ރަށެއްގައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި 3 ސެންޓަރުވެސް ހިންގަމުންދާނީ ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭގެ ބެލުމުގެ ދަށުންކަމަށެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި ރިމާންޑް ފެސިލިޓީތަކެއް ޤާއިމްކޮށްފައިވާކަމަށެވެ.

ރިމާންޑް ފެސިލިޓީތައް ޤާއިމްކޮށްފައިވާ ވަނީ:

• ތިނަދޫ ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ފުވައްމުލަކު ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ސ. ހުޅުދޫ ވިލުނު ސެންޓަރު

މި 3 ސެންޓަރުވެސް ހިންގަމުންދާނީ ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭގެ ބެލުމުގެ ދަށުންކަމަށެވެ.

މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު ދެވޭނެ ފަދަ ތަންތަން ޤާއިމްކޮށް އެތަންތަން އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް އެންޑީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

މި ސެންޓަރުން ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަޚުލާޤު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކުރެވޭނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.