ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅޭ މެޗަށް އެ ޓީމު ސްޕެއިންގެ ބިލްބާއޯ އަށް ގޮސްފި އެވެ.
ސްޕެއިންގެ ބިލްބާއޯ ގައި މާދަމާ ރޭ ކުޅޭ ފައިނަލް މެޗަށް ޓޮޓްނަމް ހޮޓްސްޕަރ ސްޕެއިނުގެ ބިލްބާއޯއަށް ގޮސްފައިވާއިރު އެ ޓީމުން މަސައްކަތް ކުރަމުންދަނީ 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބު ކުރުމަށެވެ.
ޕްރިމިއާ ލީގުގެ 17 ވަނަ މަގާމުގައި މިވަގުތު އޮތް ޓޮޓްނަމް ހޮޓްސްޕަރ އިން މި ސީޒަނުގައި ހޯދިފައިވާ ދަށް ނަތީޖާ ތަކަކީ ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އެ ޓީމަށް ލީގުގައި ލިބިފައިވާ އެންމެ ދަށް ނަތީޖާތަކެވެ.
ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ފައިނަލުގައި ނިކުންނަ މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ 16 ވަނައިގަ އެވެ.
މި ދެ ޓީމަށް ލީގުގައި ކޮންމެ ނަތީޖާތަކެއް ލިބިފައިވީ ނަމަވެސް ޔޫރޮޕާ ލީގުގެ ފައިނަލް މެޗަކީ ތަފާތު މެޗަކަށްވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެއީ މި ސީޒަނުގައި އެ ޓީމަކަށް ލިބިފައިވާ ދަށް ނަތީޖާތަކުގެ މަތިން ހަނދާން ނައްތާލަން ލިބޭނެ ރަގަޅު ފުރުސަތެކެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖެހިގެން އަންނަ ސީޒަނެއްގައި ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާއިރު 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ ވަނީ ކުޅެފަ އެވެ. މެޑްރިޑްގައި ކުޅުނު އެ މެޗުން ޓޮޓްނަމް ބަލިކޮށް ޗެމްޕިއަންކަން އެ ފަހަރު ހޯދާފައިވަނީ ލިވަޕޫލް އެވެ.