ކުޅިވަރު

އެސްޓަން ވިލާގެ ކަޅި ކެލެހާއަށް


އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެސްޓަން ވިލާއިން ލިވަޕޫލްގެ ރިޒާވް ގޯލްކީޕަރު ކޮއިމްހިން ކެލެހާ ގަތުމަށް މަސައްކަތް ފަށައިފިއެވެ.

ކެލެހާ ވަނީ ލިވަޕޫލްގައި ވަރުގަދަ މެޗުތަކެއް ވެސް ކުޅެފަ އެވެ. ނަމަވެސް 23 އަހަރުގެ ކީޕަރު އެ ކުލަބު ދޫކޮށްލަން ބޭނުންވަނީ ފުރަތަމަ 11ގައި ގަވާއިދުން ކުޅެވޭނެ ކުލަބަކަށް ބަދަލުވާން ވެގެންނެވެ. އަޔަލެންޑްގެ ކީޕަރަށް ލިވަޕޫލުގެ ގޯލަށް ކުޅެން ފުރުސަތު ލިބެނީ އެއްވަނަ ކީޕަރު ބްރެޒިލްގެ އަލިސަން ބެކާ އަށް ނުކުޅެވޭނަމަ އެކަންޏެވެ.

އަނެއްކޮޅުން އަންނަ ސީޒަނުގައި އެއްވަނަ ކީޕަރުގެ ވާދަވެރިކަން އިތުރަށް ބޮޑުވާނެ އެވެ. އެއީ އަލިސަން ބެކާ އާއި ޖޯޖިއާގެ ކީޕަރު ޖިއޯޖިއޯ މަމަޑާޝްވިލީވެސް ލިވަޕޫލްގައި ހުންނާނެތީ އެވެ. އޭނާ މި ސީޒަނުގައި ކުޅެމުންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ވެލެންސިއާ އަށެވެ.

"އަހަރެން މި ހުރީ އަންނަ ސީޒަނުގައި ގަވާއިދުން ކުޅެން ފުރުސަތު ލިބޭނެ ޓީމެއްގެ އިންތިޒާރުގައި. އަހަރެން ބޭނުންވަނީ މިހާރު ބަރާބަރަށް ކުޅެން. އެއީ ގައުމީ ޓީމުގެ ކީޕަރުގެ މަގާމު ދަމަހައްޓަން އަހަރެން ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކެލެހާ ބުންޏެވެ.

އެސްޓަން ވިލާއިން އަންނަ ސީޒަނަށް ކީޕަރަކު ހޯދަން ފެށީ އެ ޓީމުގެ އެއްވަނަ ކީޕަރު އާޖެންޓީނާގެ އެމެލިއާނޯ މާޓިނޭޒް ކުލަބު ދޫކޮށްލާނެތީ އެވެ. އޭނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑާއި ސްޕޭނުގެ ބާސެލޯނާއިން ޝައުގުވެރިވެއެވެ.