ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފައްދަނީ


ކުޅިވަރުގައި ބޭއިންސާފުން ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަން ގާއިމުކޮށް އަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނުން ދީފިއެވެ.

ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފެއްދުމަށް ކުޅިވަރު ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ކުޅިވަރު އޮނިގަނޑުގައި މީގެ ކުރިން އެފަދަ ކަންކަން ބަލައި އިންސާފު ހޯދޭނެ ނިޒާމެއް ނޯވެއެވެ. އެފަދަ މައްސަލަތަކުގައި ހައްލު ހޯދުމަށް މީގެ ކުރިން ދިވެހިން ހޯދަން ޖެހުނީ ރާއްޖޭން ބޭރުގެ އެހީތެރިކަމެވެ.

އަދި އެހެނިހެން ޝަރުއީ މައްސަލަތަކެކޭ އެއްގޮތަށް ކޯޓުތަކަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ދިގުލައިގެންދާ މައްސަލައަކީ ކުޅިވަރު އާއިލާއަށް ދިމާވެފައިއޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް ރާއްޖޭގައި ކުޅިވަރަށް ހާއްސަ އާބިޓްރޭޝަން އިދާރާއެއް ޤާއިމުކުރެވިގެން ދިއުމާއެކު މިކަމަށް ވަރަށް ބޮޑު ތަކްލީފެއްލިބި އިންސާފު ހޯދުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.

ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ޤާނޫނުގެ ދަށުން ރާއްޖޭގައި ކުޅިވަރު އާބިޓްރޭޝަންގެ ނިޒާމެއް ޤާއިމު ކުރެވި ހައްގުތައް ހިމާޔަތް ކުރެވި އިންސާފު ޤާއިމު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މިހާރު ކުޅިވަރު ކުޅޭ ފަރާތްތަކަށް ދިމާވާ އެކި ކަހަލަ މައްސަލަތައް. އެކި ކަހަލަ މައްސަލަތައް އެބަ ދިމާވޭ. ހައްލުކުރަންވެއްޖެއްޔާ ދާނެ އާބިޓްރޭޝަންގެ ނިޒާމެއް ރާއްޖެއަކު ނެތް. ކަމެއް ކުރަން ޖެހިއްޖެއްޔާ މި ޖެހެނީ ބޭރުގައުމަކަށް ގޮސްގެން ވަރަށް އަގުބޮޑު ނިޒާމެއްގެ ތެރެއިން ކަންކަން ކުރަން"
ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރުމަށް ރާއްޖޭގައި ކުޅިވަރު އާބިޓްރޭޝަންގެ ނިޒާމު ޤާއިމުވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިހާރުވެސް ކުޅިވަރުގެ އެކި އެކި މައްސަލަތައް ކޯޓު މަރުހަލާގައި ހިނގަމުންދާއިރު ކުޅިވަރު އާބިޓްރޭޝަންގެ ނިޒާމެއް ރާއްޖޭގައި ތައާރަފް ކުރުމަކީ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި އިންސާފުވެރިކަމާއެކު ކަންކަން ހައްލުކޮށް ދިމާވާ މައްސަލަތައް މަދު ކުރުމަށްވެސް މި އާބިޓްރޭޝަންގެ ނިޒާމު ޤާއިމު ކުރެވިއްޖެނަމަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.